ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މއ. ދަނޑިކޮށީ އިރުމަތީގެ އައިމިނަތު ޝިރްނާ މިއަދު އައްޔަނުކުރައްވައިފި އެވެ.
ޝިރްނާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޝިރްނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނަރުހެއްގެ ގޮތުގައި 17 އަހަރު ވަޒީފާ އަދާކުރައްވާފަ އެވެ.
މީގެ އިތުރުން، ޝިރްނާ އަކީ ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާފަ އެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ މިނިސްޓަރުގެ އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.









