
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ވަޢުދު ފުއްދަވައި ޤަވާޢިދަށް ބަދަލު ގެނެސް ސުޕަޔޮޓާއި ކްރޫޒް ޝިޕްތަކަށް ދިރުން ގެނެސްދެއްވިކަން މާޔާގެފައުންޑިންގ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ (ކަނާތުން ވާތަށް: އެމްސްކޯ ޢަބްދުالله ޖަލީލް، މާޔާގެ ރައީސް މުޙައްމަދު ނަޝީދު އަދި ނޫރަންމާ ނައުޝާދު ވެސް ޤަބޫލުކުރައްވާ.
ރާއްޖެ އަށް ވަންނަ ކްރޫޒް ޝިޕްތަކާއި ސުޕަޔޮޓްތަކުން ސަފާރީ ބޯޓު އޮޕަރޭޓަރުންގެ ވިޔަފާރި އަށް ބުރޫ އަރާ ކަމަށް ބުނާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް، 25 އަހަރަށް ވުރެ ގިނަ ދުވަހު ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި މާޔާގެ އެއް ފައުންޑިންގ މެމްބަރު ޢަބްދުالله ޖަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކްރޫޒް ޝިޕާއި ސުޕަޔޮޓުތަކުގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރު އަމީން އާއި ބައްދަލުކުރެއްވުމަށް މިނިސްޓަރުގެ ބިއުރޯގައި އެދިފައިވާއިރު އެކަމަށް މިނިސްޓްރީ އިން އިޖާބަ ނުދެއްވާ ކަމަށް ބުނެ، ސްޓޭކްހޯލްޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޚުލާޞާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވާ ވަޓްސްއަޕް ގްރޫޕުގައި ޚިޔާލު ފާޅުކުރާ ގޮތުގައި ކްރޫޒްޝިޕް ތަކާއި ސުޕަޔޮޓުތަކުން އަންނަ ފަތުރުވެރިންގެ މަޢުލޫމާތު ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަކިން ބެލެހެއްޓި ކަމުގައި ވިޔަސް އެ ގައުމުތަކުގެ ޓުއަރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކުގައި ހިމެނޭ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި ހާމަކުރާ ސްޓެޓިސްޓިކްސްގައި ދެފުށްފެންނަ ގޮތެއް ނުހުރެއެވެ.


އެލަޔަންސް މެނޭޖްމެންޓް ސާވިސަސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ޖަލީލް ވިދާޅުވާ ގޮތުގައި، ކްރޫޒް ޝިޕް ތަކާއި ސުޕަޔޮޓުފަހަރުން އަންނަނީ މުޅިން ތަފާތު ސްޓޭންޑަޑެއްގެ ޓޫރިސްޓުން ކަމަށާއި އެމީހުންގެ ސަބަބުން ކޮންމެ ދަތުރަކަށް ދައުލަތަށް އެތައް ލައްކަ ޑޮލަރު ވަންނަ އިރު ވެސް، މި ސެގެމެންޓު ސަރުކާރުން ބަލައިނުގަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި، ސިޔާސަތުތައް ކަނޑައެޅުމުގައި ސްޓޭކްހޯލްޑަރުންގެ ބަސް ނުހިމަނާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް ލިބެން ޖެހޭ އަސްލު މަންފާ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ ސުޕަޔޮޓްތަކުން އަންނަ އަލްޓްރާ ވެލްތު ފަތުރުވެރިން ސަފާރީބޯޓުން ޚިދުމަތް ހޯދާކަށް ނުދަނީ އެ މީހުން އަންނަނީ ބިލިއަން ޑޮލަރުގެ އަގުބޮޑު އުޅަނދެއްގައި ރާއްޖޭގައި ވަގުތު ހޭދަކުރުމަށެވެ.
"މިއީ ވަކި ދެ ޓޫރިޒަމް ސެގްމަންޓެއް. އެއް ސެގްމަންޓަކީ އަނެއް ސެގްމަންޓެއްގެ ބަދަލުގައި ނުހިމެނޭ ސެގްމަންޓެއް. މާނައަކީ ނަސަންދުރަ ޓްރެންޑަށް ކޮފީ އަށް ދާ ބޭފުޅަކު ޑޯންކެފޭ އަށް ކޮފީ ބޯކަށް ނުވަންނާނެ އޭ،" ކްރޫޒް އެކްޓިވިޓީ އިތުރުވުމުން ސަފާރީ އޮޕަރޭޓަރުންނަށް ގެއްލުން ލިބިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބައެއް “ހިސާބުތަކުގެ” ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތައް ދޮގުކުރައްވައި މީގެ 15 އަހަރު ކުރިން އޭރުގެ ޓުއަރިޒަމް މިނިސްޓަރު ޑރ. ޝައުގީ ވަޑައިގެންނެވި ބައްދަލުވުމެއްގައި ނެންގެވި މިސާލު ފާހަގަ ކުރައްވައި ޖަލީލް ވިދާޅުވިއެވެ.
ކޮންމެ ކްރޫޒް އަކުން އަންނަ ކޮންމެ ޓުއަރިސްޓެއްގެ ބޮލަކަށް ރާއްޖެ އަށް ފޭބިޔަސް ނުފޭބިޔަސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކްރޫޒް ޝިޕްތަކުން ހަމައެކަނި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ދައުލަތަށް ވަންނަ ފައިސާ
- 1000 ޑޮލަރު (ބޮޔޭޖް) - ރާއްޖެ އަށް ބޯޓު ވަންނަ ކަމަށްޓަކައި “ކްރޫޒް އެންޑް ހާބާ ފީ” ގެ ނަމުގައި ދައްކާ ފައިސާ.
- 850 ޑޮލަރު - ޕެސެންޖާ ޝިޕް ލައިސަންސް ފީ (މިއީ ކޮންމެ ދުވަހަކު ދައްކަން ޖެހޭ 800 ޑޮލަރު)
- 5 ޑޮލަރު ކޮންމެ ބޮލަކަށް ކޮންމެ ދުވަހަކު ޕެސެންޖާފީގެ ގޮތުގަ. 1000 ފަސިންޖަރުން ނަމަ ދުވާލަކަށް 5000 ޑޮލަރު ދައްކާނެ.
- ބޮލަކަށް ގްރީން ޓެކްސް ގެ ގޮތުގައި ދުވަހަކަށް 12 ޑޮލަރު (މިއީ 1000 ފަސިންޖަރުންނަށް ނަމަ ދުވާލަކަށް 12000 ޑޮލަރު.
ކްރޫޒް ޝިޕްތަކުން ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަންނަ ފައިސާ
- ލައިޓް ޑިވްސް 13000 ރުފިޔާ
- އެންޓްރެންސްފީ (96000 ޓަނުގެ ބޯޓެއް ނަމަ 46000 ރުފިޔާ. ރާއްޖެ އަށް ޢާންމުކޮށް އަންނަނީ މި ސައިޒުގެ ބޯޓު)
ކްރޫޒް ޝިޕްތަކުން ހަމައެކަނި އެމްޕީއެލް އަށް ވަންނަ ފައިސާ
- ޕައިލެޓް ފީ އަށް 100000 ރުފިޔާ ވަނުމަށާއި ފުރުވައިދިނުމަށް ޗާޖުކުރޭ.
ކްރޫޒް ޝިޕްތަކުން ހަމައެކަނި އެމްޓިސީސީ އަށް ވަންނަ ފައިސާ
- އިއްޒުއްދީން ފާލަމަށް ގެސްޓުން ފައިބާތީވެ ދުވާލަކަށް 24000 ރުފިޔާ.
މީގެ އިތުރުން އެއިން އަންނަ ފަތުރުވެރިން ގޮވައިގެން ތަންތަނަށް ދަތުރުކުރާ ރާއްޖޭގެ އޮޑިދޯނިފަހަރާއި ލޯންޗުތަކަށް ވެސް 100000 - 150000 ޑޮލަރު ވަންނާނެ ކަމަށް މާޔާގެ ފައުންޑިންގ މެންބަރު ވިދާޅުވިއެވެ.
“މިއީ އެއްދުވަސް ދެދުވަސްތެރޭ ދައުލަތަށް ވަންނަހާ ފައިސާ. މީގެ އިތުރުން ކޮބާތޯ އެހެނިހެން ސާވިސް. އެ އެއްޗެހީގެ ކުނި އުކަން ވެސް މި ދަނީ ރާއްޖޭގެ ދޯނިފަހަރުގައި ތިލަފުށްޓަށް އެތައް ހާސް ރުފިޔާއެއް ޚަރަދުކޮށްފައި. ކޮންމެ ބޮލަކަށް ބޯފެން އަރުވަނީ ވެސް ރާއްޖެއަށް ފައިސާ ދީފައި. އަދި ކޮބާ ފަތުރުވެރިން މާލޭގައި އެ ކުރާ އެހެނިހެން ޚަރަދު.. މި ހުރިހާ ފައިސާ އެއް އެނބުރެނީ ކޮންތާކުތޯ.. އެކަމަކު ގިނަފަހަރަށް މިނިސްޓަރަށް ވެސް ނުބައި މަޢުލޫމާތު ދީގެން މިނިސްޓްރީ ތެރެއިން ބަޔަކު ކަންކަން ހުއްޓުވަން އުޅޭ ކަމަށް މި ސިފަ ކުރެވެނީ. މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުއްސުރެ މިއަދާއި ހަމަޔަށް މި މައްސަލަތަކެއް ހައްލެއް ނުވި. ރައީސް މުޢިއްޒު ސީދާ ވިދާޅުވި މިކަން ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް،” ސަފާރީ އޮޕަރޭޝަންތަކާއި ގުޅުން ހުރި ބައެއްގެ ނުފޫޒުން މިނިސްޓްރީގެ އަސްލު މަޤްޞަދަށް ހުއްޓުން އަރާ ކަން ފާހަގަ ކުރައްވައި ޖަލީލް ވިދާޅުވިއެވެ.
މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އާ ޓޫރިޒަމް މިނިސްޓަރަކު މަގާމާއި ހަވާލުވުމާއި އެކު، ކަންކަން ބަދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކްރޫޒް އަދި ސުޕަޔޮޓް އޮޕަރޭޓަރުންނާއި ސީދާ ގުޅިގެން އެމީހުންގެ އިގްތިސާދީ އަގު ސާފުކޮށް ދެނެގަނެ، މި ސެގްމަންޓްތައް ފުޅާކުރުމަކީ މިހާރު ހުރި ފަތުރުވެރިކަމުގެ ސިނާއަތްތައް ފުރިހަމަ ކުރެވޭނެ ކަމެއް ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާ އަށާއި އާ ޓޫރިޒަމް މިނިސްޓަރަށް މި ދާއިރާގެ އިގްތިސާދީ އަގު ފުރިހަމައަށް ވަޒަން ކުރެވޭ ވަރަށް މައުލޫމާތު ދޭން ޖެހޭ” މާޔާގެ އެއް ފައުންޑިންގ މެންބަރު އަދި މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ދާއިރާގައި ހުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ސުޕަޔޮޓްތަކާއި ކްރޫޒްޝިޕްތަކަކީ ސެގްމެންޓެއްގެ ކަމަށް ވާއިރު، ސަރުކާރުން އެކަމަށް ފޯކަސް ކުރަމުންދާ މިންވަރު ކުޑަވުމެވެ. އެހެން ވާން ޖެހެނީ ޓުއަރިޒަމް މިނިސްޓްރީން ރިސޯޓްތަކުގެ ކަންކަމުގައި ބިޒީވެގެން އުޅުމުގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށާއި، ރައީސުންނަށާއި ޒިންމަދާރު ފަރާތްތަކަށް މި ދާއިރާގެ އިގްތިސާދީ އަގު ފުރިހަމައަށް ވަޒަން ކުރެވޭ ވަރަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް. ކަމަށެވެ.







