އަމިއްލަ ނަފުސު ގަތުލުކުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މި މައުޟޫއުގެ ހުތުބާގައި ބުނީ، މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ އެހެން ހުރިހާ މަހުލޫގުންގެ މައްޗަށް މާތްކުރައްވައިގެން ކަމަށެވެ. އަދި ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްގަކާ ނުލައި މެރުމަކީ ހަރާމް ކަމެއްކަން ކީރިތި ގުރުއާނުގެ އާޔަތްތަކުން ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، ދިރިއުޅުމުގައި ދިމާވާ މުސީބާތްތަކަކީ އިންސާނާ އިމްތިހާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންކަމެވެ. އެފަދަ ހާލަތްތަކުގައި ކެތްތެރިވާން ޖެހޭނެ ކަމަށާއި، ކެތްތެރިވާ މީހުންނަށް އޮތް އުޖޫރައަކީ ސުވަރުގެ ކަމަށް ބުނެފައިވެ އެވެ. އަމިއްލަ ނަފުސަކީ ﷲގެ އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ގެއްލުންދިނުމަކީ ނަރަކައިގެ އަޒާބު ލިބޭނެ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކާ ހަވާލާދީ ހުތުބާގައި ބުންޏެވެ.
އަމިއްލައަށް މަރުވާ މީހުންގެ ޖަނާޒާއާ ގުޅޭގޮތުން ހުތުބާގައި ބުނީ، އެމީހުންގެ މައްޗަށް އާންމު މުސްލިމުން ކަށުނަމާދު ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ފާފަވެރި އަމަލެއްކަން ހާމަކުރުމަށާއި މީސްތަކުންނަށް އިބްރަތަކަށްޓަކައި، މުޖުތަމައުގެ އިސްވެރިންނާއި ކަމުވޮށިގެންވާ މީހުން އެފަދަ މީހުންގެ ކަށުނަމާދުގައި ބައިވެރިނުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން، މިއަދުގެ މުޖުތަމައުގައި ފެތުރެމުންދާ ގަނާކުރުމާއި (ބުލީކުރުން) ފުރައްސާރަކުރުމުގެ ނުބައި އާދައަށް ވެސް ހުތުބާގައި އަލިއަޅުވާލި އެވެ. ގަނާކުރުމުގެ ސަބަބުން ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ލިބި، ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން އަމިއްލައަށް މަރުވާން މަޖުބޫރުވާކަން ފާހަގަކޮށް، އެއީ ނަރަކަވަންތަވެރިވާނެ ކަމެއްގެ ގޮތުގައި ސިފަކުރި އެވެ.
ހުތުބާގައި ކުޑަކުދިންނާއި ޒުވާނުންނަށް އިލްތިމާސްކުރީ، ގޮންޖެހުންތަކާ ކުރިމަތިލާއިރު ހިމޭނުން ނުތިބެ، ކެރިގެން އެކަންކަމާ ދެކޮޅަށް ތެދުވުމަށެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ދިމާވާ ކެހިވެރިންނަށް ޒާތީ ސިއްރުތައް ހާމަނުކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.
ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދައުލަތުގެ މުއައްސަސާތަކަށް ހުތުބާގައި ގޮވާލީ، ގަނާކުރުމާއި ސައިބާ ކްރައިމް ފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. އަދި ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ވެސް ހުތުބާގައި ބާރުއެޅި އެވެ.









