ކޮންމެ ހަފުތާއެއްގައިވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ހާއްސަ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.
"ޕްރެސާ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ، މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ނޫސްވެރިން މަސައްކަތް ކުރަމުންދާ ހަބަރުތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ މި ބައްދަލުވުންތަކުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ މި ބައްދަލުވުންތައް ގާތްގަނޑަކަށް 55 މިނެޓަށް ކުރިއަށްދާނެ ކަމަށާއި، އެ ވަގުތުގެ ތެރޭގައި ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް އިތުރު މައުލޫމާތު ބޭނުންވާ ހާލަތްތަކުގައި އެ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރަން ފަށާފައިވާކަންވެސް ތަރުޖަމާނު ހާމަކުރެއްވިއެވެ. އެގޮތުން "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓްތައް ތައާރަފުކޮށް، ސަރުކާރުގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަތަކާއި ވީޑިއޯތައް އެ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.








