މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިކަން ސަރުކާރުން ހާމަކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މި ބަދަލާއެކު، ކުރިން 1.99 ޑޮލަރަށް ލީޓަރެއް ވިއްކަމުންދިޔަ ޖެޓް ފިއުލްގެ އަގު މިހާރު ވަނީ 1.75 ޑޮލަރަށް ތިރިކޮށްފައެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ،" ވަޒީރު އަމީން ވިދާޅުވިއެވެ. މި ހެޔޮ ބަދަލު ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަގުތު ވަނީ 4.8 އިންސައްތަ ދަށްވެފައެވެ. ނަމަވެސް، މެދުއިރުމަތީގެ ހާލަތު ބަދަލުވެ އެ ސަރަހައްދުގެ އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމުން، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން، އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ތިން ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ބްރިޓިޝް އެއާވޭސް އިން ކުރިއަށް އޮތް ސީޒަންގައި ރާއްޖެއަށް ކުރާ ދަތުރުތައް 32 އިންސައްތަ އިތުރުކުރުމަށް ވަނީ ރާވާފައެވެ.
މި ބަދަލުތަކަކީ އެއާލައިންތަކުގެ ބުކިން ސިސްޓަމުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން ގިނަކަން ފާހަގަކުރެވޭތީ ގެނެވޭ ބަދަލުތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









