މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 400 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ވަކިވަކި މަސްތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހު އެކަނިވެސް 679 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީގައި ރިޕޯޓްކޮށްފައިވަނީ އެންމެ 75 ކޭސްއެވެ.
ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓްކޮށްފައިވާއިރު (މިދިޔަ އަހަރު 87 ކޭސް)، މާޗް މަހު 600 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި ހިނގާ އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މަހުގެ 22 އިން މި މަހުގެ 18 އަށް ޖުމްލަ 21,687 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުންނެވެ. އެއީ އަތޮޅުތަކުން 11,792 ކޭސް އަދި މާލެ ސަރަހައްދުން 9,894 ކޭސްއެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ފެބްރުއަރީ މަހު 8 މީހުން އަދި މާޗް މަހު 5 މީހުން ޕޮޒިޓިވްވި އިރު، މި މަހުގެ މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
މި ދުވަސްވަރު ބަލިތައް ފެތުރުން އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.









