ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަނެ، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ފުރުސަތެއް ދައުލަތުގެ އިދާރާތަކުން ދީގެން ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، "ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، އަދި ގައުމުގެ ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދަން ހިންގާ ވިޔަފާރިއަކަށް ވެގެން ނުވާނެ" ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުގެ ފުރުސަތު ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ދީގެން ނުވާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގުޅުވައި 'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންގެ ނުރުހުން އެ ނޫހަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ޑޮކިއުމަންޓްރީގައި ރައީސްގެ އަބުރާއި ކަރާމަތަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ.


މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ގާނޫނުގެ އިމުގެ ތެރެއިންކަން ފާހަގަކުރައްވައި ވާހަކަދައްކަވާފަ އެވެ. ރައީސް މުއިއްޒު ވެސް ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ވާހަކަތައް ދޮގުކުރައްވައި، އެކަން ކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގައި 'އަދަދު' ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ބުނެފަ އެވެ.








