ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެގެން ބެލިއިރު، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ރ. ރަސްގެތީމު، ސޯސަންގޭ، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.
ފުލުހުން ބުނީ، ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އެމީހާގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަދެފައިވަނީ އިއްޔެ ރޭ 21:53 އެހައިކަންހާއިރުއެވެ. ފުލުހުން އެ ގެއަށް ވަދެ ބެލިއިރު، އިބްރާހީމް ޔޫސުފުފުޅު އޮތީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން، ނިޔާވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.









