ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ބިޔަ ގަސްތައް ކަނޑައިގެން ހައުސިން ޔުނިޓުތަކެއް އެޅުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް، އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ ސަރަހައްދުގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ވިލިމާލޭގައި އަޅާ ފްލެޓްތަކަށް މުހިއްޔުއްދީން ސްކޫލް ކުރިމަތީގައި އޮންނަ ބިމުގައި ހުރި ބިޔަ ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ފެށުމާ ގުޅިގެން އާންމުންނާއި ތިމާވެށި ރައްކާތެރިކުރާ ޖަމިއްޔާތަކުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. އަދި މި މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތް ނަމަވެސް، ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގެ ގިނަ ބިންތަކަކީ ގޯތި ދޫކޮށްފައިވާ ބިންތަކަށް ވުމުން، ފްލެޓް އެޅުމަށް ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރީ ވިލިމާލޭގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި މި މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީ އާއި ބައެއް ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫއާ ގުޅިގެން ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ވެސް ވަނީ ޕްލޭނިންއާ ގުޅުންހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ސަރުކާރުގެ މި ނިންމުމަކީ ތިމާވެށީގެ ރައްކާތެރިކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް މިނިސްޓަރުގެ ވާހަކައިން ދޭހަވެއެވެ.







