ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އިއްޔެ ދިން ރަހުމްކުޑަ ހަމަލާއެއްގައި، މާބަނޑު އަންހެނަކާއި އޭނާގެ ކުޑަ ދެދަރިން ޝަހީދުކޮށްލައިފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އެ ޢާއިލާ ދިރިއުޅޭ އިމާރާތަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި އެ އާއިލާ ދިރިއުޅެމުންދިޔަ ގެ ފުނޑުފުނޑުވެ، މާބަނޑު އަންހެން މީހާގެ އިތުރުން އޭނާގެ ދެ ދަރިން ވަނީ އެ ތަނުގެ ތެރޭގައި ޝަހީދުވެފައެވެ. މިއީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ތެރެއިން ހިންގި އިތުރު ލާއިންސާނީ އަމަލެކެވެ.
އިސްރާއީލުން މިފަދަ ހަމަލާތައް ދެމުންދަނީ ފަލަސްތީނުގެ ބިންތަކުން މުސްލިމުން ބޭރުކޮށް، އެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
މިފަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންދާއިރު، މިހާތަނަށް ލައްކަ އަކަށް ވުރެ ގިނަ ޢާންމުން ޝަހީދު ވެއްޖެކަމަށް ހަމާސް އިން ބުނެއެވެ.










