އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކ. މާފުށީގައި ހުންނަ "މާރަނގަ މާރުކޭޓު" އަށް މިރޭ ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތުގައި މިނިސްޓަރު ސައީދު ވަނީ އެ މާރުކޭޓުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި ރަށުގެ ފެންވަރުގައި މުޖުތަމައު އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ވިޔަފާރި ހަރަކާތްތަކުގެ ފޯރިއާއި، އާންމު އިގްތިސާދަށް އަންނަ ކުރިއެރުންތައް މިނިސްޓަރު ވަނީ އަމަލީ ގޮތުން ބައްލަވާލައްވާފަ އެވެ.
މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާރުކޭޓު ފުރުސަތުތައް ފުޅާކޮށްދެއްވުމަށާއި، ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްދިޔަ ކަމެކެވެ.
ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ދިވެހި އުފެއްދުންތަކާއި ވިޔަފާރިތަކަށް އާ މާރުކޭޓުތައް ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި އެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ. މި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ބިސްނަސް ސެންޓާ ކޯޕަރޭޝަންގެ އެމްޑީ އިބްރާހީމް ޒިޔާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މާރުކޭޓު ހުޅުވިފައި ހުންނަނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ. އަދި އަންނަ މެއި މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މި މާރުކޭޓު ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
މި މާރުކޭޓުގައި ޖުމްލަ 12 ކިއޮސްކް ހިމެނޭއިރު، އޭގެ ތެރެއިން 4 ކިއޮސްކް ހާއްސަކޮށްފައިވަނީ މާފުށީގެ ވިޔަފާރިތަކަށެވެ. ބާކީ 8 ކިއޮސްކް ހާއްސަކޮށްފައިވަނީ މާލޭގެ ވިޔަފާރިތަކަށެވެ. މި މާރުކޭޓުން ކާބޯތަކެއްޗާއި، ފޮނިކާތަކެތީގެ އިތުރުން އަތްތެރި މަސައްކަތުގެ ތަފާތު އުފެއްދުންތައް ލިބެން ހުރެ އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ، އެފަރާތްތަކުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ބޮޑުކުރުމެވެ.
މި މާރުކޭޓުގައި ބައިވެރިވާ ވިޔަފާރިވެރިން ވަނީ ސަރުކާރުގެ މި އިސްނެގުމަށް މަރުހަބާ ކިޔާފައެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި މިފަދަ ފުރުސަތުތަކުގެ ސަބަބުން ގިނަ ބަޔަކަށް އެމީހުންގެ އުފެއްދުންތައް ތައާރަފުކޮށް، ވިޔަފާރި ފުޅާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެ އެވެ.
ބީސީސީން އިތުރަށް ފާހަގަކުރި ގޮތުގައި، މާފުއްޓަކީ ފަތުރުވެރިކަމާއި އަމިއްލަ ވިޔަފާރިތަކުގެ މުހިންމު މަރުކަޒަކަށް ވުމުން، މިފަދަ ހަރަކާތްތައް ހިންގުމަށް އެއީ ވަރަށް އެކަށީގެންވާ ރަށެކެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް އާ މާރުކޭޓުތައް ލިބި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.










