ސްޕެއިންގެ މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ، އެއް މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ކުރެހުމެއް އެންމެ 117 ޑޮލަރަށް (100 ޔޫރޯ) ނަސީބުވެރިއަކަށް ލިބިއްޖެ އެވެ. މި ކުރެހުން ލިބިފައިވަނީ ޕެރިހުގައި ބޭއްވި "1 ޕިކާސޯ ފޯ 100 ޔޫރޯސް" ނަމަކަށް ކިޔާ ހާއްސަ ގުރުއަތުލުމެއްގަ އެވެ.
މި ގުރުއަތުލުމުން ހޮވުނު ނަސީބުވެރިއަކީ ފަރަންސޭސިވިލާތުގެ ޕެރިހަށް ނިސްބަތްވާ، ސޮފްޓްވެއާ ވިއްކުމުގެ މަސައްކަތްކުރާ އަރީ ހޮޑާރާ އެވެ. އޭނާ ގަތް 94715 ނަންބަރުގެ ޓިކެޓަށް ލިބުނީ ޕިކާސޯ 1941 ވަނަ އަހަރު ކުރަހާފައިވާ "Tête de Femme" ނަމަކަށް ކިޔާ ކުރެހުމެކެވެ. މިއީ ތެޔޮކުލަ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުޑަ ކުރެހުމެކެވެ.
މި ހަރަކާތުގައި ޖުމްލަ 120،000 ޓިކެޓް ވިއްކާފައިވާއިރު، މީގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގައި އަލްޒައިމާ ބަލީގެ ދިރާސާތައް ކުރާ "އަލްޒައިމާސް ރިސާޗް ފައުންޑޭޝަން" އަށެވެ. މިއީ މިފަދަ ގުރުއަތުލުމެއް ބޭއްވި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރާއި 2020 ވަނަ އަހަރު ވެސް މިފަދަ ހަރަކާތްތައް ބާއްވައި، އިންސާނީ އެކި ކަންކަމަށް އެހީތެރިވެފައިވެ އެވެ.
ނަސީބުވެރި ހޮޑާރާ ބުނި ގޮތުގައި އޭނާއަށް މި ހަބަރު ލިބުމުން ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. "މިއީ މަކަރެއް ނޫންކަން ކަށަވަރު ކުރާނީ ކިހިނެއް؟" އޭނާ ފުރަތަމަ ސުވާލުކުރި އެވެ. އޭނާ އިތުރަށް ބުނީ ޕިކާސޯގެ އަސްލު ކުރެހުމެއް މިލްކުވުމަކީ ހުވަފެނެއް ކަހަލަ ކަމެއް ކަމަށާއި، އާންމުކޮށް މިފަދަ ކުރެހުންތައް އޭނާއަށް ފެންނަނީ ހަމައެކަނި މިއުޒިއަމްތަކުން ކަމަށެވެ.
ޕިކާސޯގެ ކާފަ ދަރިފުޅު އޮލިވިއާ ވިޑްމަޔާ ޕިކާސޯ ބުނި ގޮތުގައި، މި ކުރެހުމަކީ އެއް މިލިއަން ޑޮލަރަށްވުރެ މާ އަގުބޮޑު އެއްޗެކެވެ. މި ކުރެހުން ޕިކާސޯ ކުރަހާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ދަށުގައި ޕެރިސް އޮތް އިރު އެވެ. މިއީ އޭނާގެ އެންމެ މަޝްހޫރު އެއް މަސައްކަތް ކަމަށްވާ "ގާނިކާ" ކުރެހި ސްޓޫޑިއޯގައި ތައްޔާރުކުރި ކުރެހުމެކެވެ.
މި ކުރެހުން މިވަގުތު ރައްކާތެރިކަމާއެކު ބަހައްޓާފައިވަނީ ކްރިސްޓީސް އޯކްޝަން ހައުސްގަ އެވެ. ނަސީބުވެރިޔާއަށް މި ކުރެހުމާ މެދު އަމިއްލައަށް ގޮތް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނެ އެވެ. އެގޮތުން ގޭގައި ބެހެއްޓުން، މިއުޒިއަމެއްގައި ދައްކާލުމަށް ބެހެއްޓުން ނުވަތަ އަލުން ވިއްކާލުމުގެ ފުރުސަތު ވެސް އޭނާއަށް އޮންނާނެ ކަމަށް އޮލިވިއާ ބުންޏެވެ.










