ހާޓް އެޓޭކެއް އައުމުގެ ކުރިން ހަށިގަނޑުން ދޭ ސިއްރު އިންޒާރުތައް!

އައިޝަތު ރުވާ ރިފްޢަތު | 6 ދުވަސް ކުރިން - 11 ޖުލައި 2025 17:04
ހާޓްއެޓޭކް ޖެހުމުގެ އެތައް ދުވަހެއް ކުރިން ހަށިގަނޑުން އެކަމުގެ ތަފާތު އިންޒާރުތައް ދޭ----
ހާޓްއެޓޭކް ޖެހުމުގެ އެތައް ދުވަހެއް ކުރިން ހަށިގަނޑުން އެކަމުގެ ތަފާތު އިންޒާރުތައް ދޭ----
ޚުލާސާ

މޭގައިރިހުމުގެ ބަދަލުގައި ގިނަ އަންހެނުންނަށް ހާޓް އެޓޭކް އަންނަ ވަގުތު އިހްސާސް ކުރެވިފައިވަނީ ނޭވާ ކުރުވުމާއި ގައިން ވަރުދޫވުން، ދާހިތްލުން، މޭނުބައިކުރުން ފަދަ ކަންކަން ފާހަގަކޮށްލެވޭ

ހާޓް އެޓޭކެއް އަންނަނީ ހަމަ ކުއްލިއަކަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި އެ ނުރައްކާތެރި ހާދިސާ އަންނަނީ އެތައް ދުވަހެއް ކުރިން ހަށިގަނޑުން ދޭ ތަފާތު އިންޒާރުތަކަކަށް ފަހުގައެވެ. ނަމަވެސް، ގިނަ ފަހަރު މި އިންޒާރުތަކަކީ ހާޓް އެޓޭކެއްގެ ނުރައްކާތެރި ރަނގަބީލުކަން ދެނެގަންނަން މީހުންނަށް ނޭނގި ހުއްޓައި ދެއެވެ.

ހާޓް އެޓޭކް ޖެހޭ ވަގުތު އާންމުކޮށް އިހުސާސް ކުރެވޭ ކަމަކީ ހަމަ ރީތިކޮށް ހުއްޓާ ކުއްލިއަކަށް މެޔަށް ވަރަށް ވަރުގަދަ ތަދެއް އަރާފައި އެ ތަދު އަތަށާއި ކަރަށް ފެތުރިގެން ދިއުމެވެ. މިއީ ވަގުތުން ފަރުވާ ހޯދަން ޖެހޭ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

ނަމަވެސް، މިއީ ހާޓް އެޓޭކް ޖެހޭ ވަގުތު އެ ޖެހޭ މީހާއަށް ކުރެވޭ އިހްސާސް ކަމަށްވިޔަސް، ހާޓް އެޓޭކް ޖެހުމުގެ މަހެއްހާ ދުވަސް ކުރިން އެމީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ކަހަލަ އިންޒާރުތައް ދެއެވެ.

ހާވާޑް ހެލްތުގެ ދިރާސާ: އަންހެނުންނަށް ފެންނަ އިންޒާރުތައް

އެމެރިކާގެ އެކި ސިޓީތަކުގައި ހާވާޑް ހެލްތުން ކުރި ސާވޭތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވެފައި ވެއެވެ. މި ސާވޭތަކުގައި ޖަވާބުދިން 500 އަށް ވުރެ ގިނަ އަންހެނުންނަކީ ހާޓް އެޓޭކެއް އައިސް ސަލާމަތްވެފައި ތިބި މީހުންނެވެ.

މި ސާވޭގެ ނަތީޖާއިން ހާމަވި ގޮތުގައި، ހާޓް އެޓޭކް ޖެހުނު އަންހެނުންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް އެ އެޓޭކް އައުމުގެ މަހެއްހާ ދުވަސް ކުރިން އެމީހުންގެ ހަށިގަނޑުގައި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އަލާމާތްތަކެއް ފެނިފައި ވެއެވެ. އެގޮތުން 95 ޕަސެންޓް މީހުންނަށް ތަޖުރިބާ ކުރެވުނު ދެކަމަކީ ހަށިގަނޑުގައި ހަކަތަ ނެތުމާއި ނިދަން އުނދަގޫ ވުމެވެ.

ބައެއް އަންހެނުން ބުނާ ގޮތުގައި، އެމީހުން ވަރުބަލިވާ ވަރުން އަމިއްލަ އެނދުގެ ތަންމަތިވެސް އަޅާ ނުލެވޭހާ ވަރުބަލިކަން އިހްސާސް ކުރެވެއެވެ. އަދި އެނދު ތަންމަތި ވެސް އެޅީ އެތައް ފަހަރަކު މަޑުކޮށްފައި ވަރުބަލި ފިލުވައިގެން ކަމަށެވެ.

ފިރިހެނުންނަށް ދިމާވާ އުނދަގޫތައް

ފިރިހެނުންގެ ތެރެއިން ގިނަ މީހުން ބުނީ ހާޓް އެޓޭކްގެ މަހެއްހާ ދުވަސް ކުރިން މެޔަށް އުނދަގޫތަކެއް ވިކަމަށެވެ. މެޔަށް ތަދުވުމާއި މެޔަށް ޕްރެޝަރު ބޮޑުވުން، މޭ ފިތޭ ކަހަލަ އިހްސާސެއް ކުރެވުނު ނަމަވެސް އެއީ މޭގައި ރިހުން ކަމަކަށް ގަބޫލު ނުކުރެވުނު ކަމަށް ސާވޭ ކުރި ގިނަ މީހުން ބުންޏެވެ.

އަންހެނުންނަށް މޭގައި ރިހުން ނުފެނުން

ހާޓް އެޓޭކް ޖެހުމުގެ މަގުމަތީގައި ތިބިއިރު ވެސް ސުވާލުކުރި އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް މޭގައި ރިހުން އިހްސާސް ނުކުރެވޭ ކަމަށް އެމީހުން ބުނެފައި ވެއެވެ. މޭގައި ރިހުމުގެ ބަދަލުގައި ގިނަ އަންހެނުންނަށް ހާޓް އެޓޭކް އަންނަ ވަގުތު އިހްސާސް ކުރެވިފައިވަނީ ނޭވާ ކުރުވުމާއި ގައިން ވަރުދޫވުން، ދާހިތްލުން، މޭނުބައިކުރުން ފަދަ ކަންކަމެވެ.

މި ހޯދުންތަކުން ދައްކަނީ ހާޓް އެޓޭކެއްގެ އަލާމާތްތައް ފިރިހެނުންނާއި އަންހެނުންނަށް ތަފާތުކޮށް ފެނިދާނެ ކަމެވެ. މިކަންކަމަށް ސަމާލުކަން ދީ، ހަށިގަނޑުން ދޭ އިންޒާރުތައް ދެނެގަނެ، ގަވައިދުން ޑޮކްޓަރަށް ދެއްކުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި މުހިންމު ކަމެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%