ބަރުދަނުގައި 120 ކިލޯ ހުރި ޒުވާން އަންހެނަކު ޖިމަކަށް ނުގޮސް އަހަރެއްގެތެރޭގައި މީޑިއަމް ސައިޒަށް ބަރުދަން ލުއިކޮށްލައިފިއެވެ. އެއީ އޮސްޓްރޭލިއާގެ ފިހާރައެއްގައި މަސައްކަތްކުރި ކައިލީންއެވެ.
ކައިލީންގެ ކައިވެނީގެ ފޮޓޯއެއް. އޭނާ އިންތިހާއަށް ފަލަވެގެން ދިޔައީ ކައިވެންޏަށްފަހު ކެއުމާއި ދޭތެރޭ ފަރުވާކުޑަކޮށްލެވުމުން.
ބަރުދަން ލުއިކޮށްލުމުގެ ޚިޔާލު ކައިލީނަށް އައީ އެއްދުވަހަކު އޭނާގެ ކައިވެނީގެ ފޮޓޯތަކަށް ބަލަބަލައި އިންދައެވެ. އޭނާގެ ބަރުދަނަކީ އޭރު 120 ކިލޯއެވެ. އަންނައުނުގެ ސައިޒަކީ XXXL އެވެ. ވަރަށް ޗަބީ އެވެ. ކޮންމެޔަކަސް، އެ ސައިޒުގައި ޚާއްސަކޮށް ޢާއިލާއެއް ރޭވުމަށް ވިސްނަމުން ދިޔައިރު ބަރުދަނުގެ ސަބަބުން ސިފައާއި ޞިއްޙަތާއި މެދު ހިތްހަމަ ނުޖެހުމުގެ އިޙުސާސެއް ކައިލީނަށް ކުރެވުނެވެ. "އަހަރެން ބޭނުންވީ ޢާއިލާއެއް ބިނާކޮށް އެ ކުދިންނަށް ރަނގަޅު ރޯލްމޮޑެލަކަށް ވާން،" ކައިލީން ބުންޏެވެ.
ބަރުދަން ލުއިކުރުމަށް ކައިލީން މަސައްކަތް ފެށިއިރު އޭނާގެ ބަރުަނަކީ ގާތްގަނޑަކަށް 120 ކިލޯ. އަންނައުނުގެ ސައިޒަކީ XXXL
ބަރުދަން ލުއިވުމަށްޓަކައި ކައިލީން 2020 ވަނަ އަހަރުގެ ކުރީކޮޅު އޭނާގެ ވަޒީފާ ދޫކޮށްލިއެވެ. އެއަށްފަހު އޮސްޓްރޭލިއާގެ ސައިންސްވެރިން އެކުލަވައިލި ޕްރޮގްރާމެއް ކަމަށްވާ ސީއެސްއައިއާރުއޯ ޓޯޓަލް ވެލްބީން ޑައިޓް ޕްރޮގުރާމުގައި ބައިވެރިވިއެވެ. އަދި ޚާއްޞަ ޑައިޓް ޕްލޭނަކާއި އެކު މަސައްކަތް ފެށިއެވެ.
ކައިލީން އަކީ ކުރީގައި ގިނައިން ކައިއުޅޭ މީހެކެވެ. އަހެރެމެން ގޮތަށް ޖަންކް ފުޑް އާއި ޗޮކްލެޓާއި، ޗިޕްސް އާއި، އައިސް ކޮފީ، އަދި އެނާޖީ ޑްރިންކްސް ފަދަ ލުއި ކާނާ އެވެ. އަހަރެމެންވެސް ޖޮބުގެ ގޮތުން އޮފީހުގައި އުޅޭ ވަގުތު ރެސްޓޯރަންޓަކަށް އޯޑަރު ދީގެން ކާއެއްޗެއް ޑެލިވަރީ ކޮށްލަދޭން ބުނާއިރު މި ކެވެނީ ކޯއްޗެއްތޯ އާއި އޭގައި ކުޑަމިނުން ތެޔޮ ހުންނަ މިންވަރާއި މެދުވެސް ވިސްނައެއް ނުލަމެވެ. ކައިލީންވެސް ހަމަ އެހެންނެވެ. ނަމަވެސް، އެ ހުރިހާ އާދައެއް ކައިލީން ހުއްޓައިލީއެވެ. ބައެއްފަހަރު ބޭނުންވާ ކާއެއްޗެއް ނުކެވޭނެއޭ ހިތަށް އަރައިގެން އޭނާގެ ރުޅިވެސް ގަދަވެއެވެ. ނަމަވެސް އޭނާ ކުރީ ހިއްވަރެވެ. ރޭގަނޑު އެއްގޮތަކަށް ވެސް ނުކައެވެ. ޝުގަރ އެކުލެވޭ ލުއި ކާނާ އާއި ޑްރިންކްސްތައް މުޅިން ދޫކޮށްލައި އޭނާ އިޚްތިޔާރު ކުރީ ތާޒާ ތަރުކާރީ އާއި މޭވާއަށެވެ. ފެޓްސް އެކުލެވިގެންނުވާ މީޓްސް އާއި ހޯލް ގްރެއިންއެވެ. ހޯލްގްރެއިން އަކީ އަނގަޔަށް މީރު އެއްޗެއް ނޫނެވެ. އަހަރެންވެސް އެކަން ތަޖުރިބާ ކޮށްފީމެވެ. 5 ކިލޯގެ ޕަކެޓެއް ގަނެފައި އެއްދުވަހު އެއިން ރޮށި ފިހެ، އެ ރޮށި ނުބައިކަމުން އަހަރެން އެ ޕެކެޓް އެއްލައިލީއެވެ. އަހަންނަށް އުޒުރެއް ދެއްކިދާނެއެވެ. އަހަންނަކީ ފަލަ މީހެއް ނޫނެވެ. ހޯލްގްރެއިން އަހަރެން ގަތީ ތަޖުރިބާ ކޮށްލުމަށެވެ. ހިކެން ބޭނުންވާ ކިޔުންތެރިން އެހެން ނަހަދާށެވެ.
ބަރުދަން ލުއި ކުރުމަށް ކައިލީން ކުރި ދަތުރުގެ އެކި ދުވަސްމަތީން ނަގާފައިވާ ފޮޓޯތަކެއް.
ކައިލީން ދެން އިތުރުކޮށްލީ ފެޓްސް އެކުލެވިގެންނުވާ ޔޯގަޓެވެ. މިފަދަ ޔޯގަޓް އަމިއްލަ ގޭގައިވެސް ތައްޔާރުކޮށްލެވިދާނެއެވެ. ކޮންމެޔަކަސް މި ކާނާގެ ސަބަބުން ކައިލީންގެ ސަރުބީ އަންދައިލިއެވެ. ޤުދުރަތީ ގޮތުން އޭނާގެ ބަރުދަން ލުއިވާން ފެށީ ޖިމަކަށް ނުގޮހެވެ. އެންމެ 54 ހަފްތާގެ ތެރޭގައި ކައިލީން ވަނީ ޖިމަށް ނުގޮސް ބަރުދަން މީޑިއަމް ސައިޒަށް ލުއިކޮށްފަ އެވެ.
ކައިލީންގެ ބަރުދަން ލުއިވެ ލައިއުޅެނީ މީޑިއަމް ސައިޒުގެ އަންނައުނު. އޭނާއަށް ދަރިއަކުވެސް ލިބި، މިހާރު އުއްމީދުކުރަނީ ދެވަނަ ދަރިޔަކަށް. ބަރުދަން ހިއްކައިލީ ޖިމަކަށް ވެސް ނުގޮސް ހަމައެކަނި ކެއުން ބަދަލުކޮށްގެން.
ކައިލީން ބުނާ ގޮތުގައި ރަނގަޅު ނިއުޓްރިޝަން އޭނާ އަށް ދަސްވުމުން އޭނާގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފިއެވެ. މިއަދު ފަލަފަލަ ކައިލީން ލޫޅަފަތިވެއްޖެއެވެ. XXXL ސައިޒުގެ އަންނައުން ދޫކޮށްލައި މިހާރު ލައިއުޅެނީ M ނުވަތަ މީޑިއަމް ސައިޒުގެ އަންނައުނެވެ.
މިއަދު ކައިލީން ހުރީ އުފަލުންނެވެ. ދުޅަހެޔޮ ޞިއްޙަތެއްގައެވެ. މިހާރު ދެއަހަރުގެ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ. ކައިލީން މިހާރު އިންތިޒާރުކުރަނީ ދެވަނަ ދަރިފުޅު ލިބޭނެ ދުވަހަކަށެވެ. މި ހުރިހާ ބަދަލެއް ގެނައުމަށް ކުރި ދަތުރުގައި ޖިމަކަށް ވެސް ނުދެއެވެ. ބަދަލުކޮށްލީ ކެއުމެވެ.