ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ) ކާމިޔާބުކޮށްފި އެވެ.
އަހުމަދު ސައީދު (ސޮޑާ) އާ ވާދަކޮށް ސިނާން މި ޕްރައިމަރީ ކާމިޔާބުކުރި ނަމަވެސް، މުޅި ދާއިރާގެ ޖުމްލަ ރަސްމީ ނަތީޖާ ޕާޓީން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ސިނާން ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން 1 ނަމްބަރު ފޮށިން މުހައްމަދު ސިނާނަށް 167 ވޯޓު ލިބިފައިވާއިރު، އަހުމަދު ސައީދަށް ލިބިފައިވަނީ 150 ވޯޓެވެ. އަދި 2 ނަމްބަރު ފޮށިން ސިނާނަށް 59 ވޯޓު ލިބުނުއިރު، އަހުމަދު ސައީދަށް ލިބިފައިވަނީ 37 ވޯޓެވެ.
އެހެންކަމުން މުޅި ޖުމްލަ ސިނާ އަށް ލިބިފައިވަނީ 226 ވޯޓެވެ. އަދި ސައީދަށް ލިބިފައިވަނީ 187 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކި މައްސަލައިގައި، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ޕީއެންސީން ވާދަވެރި ޕްރައިމަރީއަކަށް ދިޔަ ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެކަނި ކަމަށްވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.









