ދައުލަތަށް ކުރިމަތިވެފައިވާ ބޮޑެތި މާލީ ގޮންޖެހުންތަކާއެކުވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް، ގައުމު ބޮޑު ނުރައްކަލަކުން ސަލާމަތްކޮށްދެއްވާފައިވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.


މަހުލޫފް މިހެން ވިދާޅުވީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ހަޒާނާގައި ފައިސާ ނެތް ކަމަށާއި، ދަރަނި އަދާކުރާނެ ގޮތެއް ނުވަތަ ފައިސާ ހޯދާނެ މަގެއް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން އިއްޔެއާ ހަމައަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ އެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ރައީސް މުޢިއްޒު ވަނީ ދިވެހި ރައްޔިތުންނަށް އުންމީދީ ނަތީޖާއެއް ދައްކަވައިދެއްވާފަ އެވެ.
"ކޮންމެ ސަރުކާރަކުން ނެގިޔަސް، ހާލަތާ ގުޅޭގޮތުން ލޯނު ނެގުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. ނަމަވެސް މި ދަރަނިތައް އަދާކުރުމުގެ ބުރަ ދައުލަތަށް ކުރިމަތިވި ވަގުތު، ރައީސް މުއިއްޒު މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ދަރަނިން ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވާފައި،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދަރަނިތައް އަދާނުކުރެވުނުނަމަ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ދަތިތަކާއި ގޮންޖެހުންތަކަކީ އަންދާޒާވެސް ކޮށްނުލެވޭނެ ފަދަ ނުރައްކާތެރި ކަންތައްތަކެކެވެ.
ސަރުކާރުން ދައްކާފައިވާ ބޮޑެތި ދަރަނިތަކަށް ބަލާއިރު، 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ދިވެހި ރުފިޔާ) މި އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފަ އެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީވެސް ރޭގެ ވަގުތެއްގައި ވަނީ ދައްކައި ނިންމާފަ އެވެ.
މި ބޮޑެތި ދަރަނިތަކުގެ އިތުރުންވެސް، ނިމިދިޔަ ސަރުކާރުތަކުން ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ގިނަ އަދަދެއްގެ ލޯނުތަކަށް މި ސަރުކާރުން އަންނަނީ ގަވާއިދުން ފައިސާ ދައްކަމުންނެވެ. މި ކާމިޔާބީއަށްޓަކައި މަހުލޫފް ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ދިވެހި ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.
މަހުލޫފް އަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އެ މަގާމަށް އޭނާ ހަމަޖައްސާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަސް ތެރޭގަ އެވެ.







