ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީ އާމްދަނީއަށް އައި ބޮޑު ކުރިއެރުމާއެކު، ދައުލަތުގެ ބަޖެޓު 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، 16 އޭޕްރީލް 2026 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 12.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، މާލީ ތަފާސްހިސާބުތައް ތަރުތީބުކޮށްފައިވާ ގޮތަށް ގެނައި އިސްލާހެވެ. ރައީސް އޮފީހުން 15 އޭޕްރީލް 2026 ގައި ނެރުއްވި އިރުޝާދާ އެއްގޮތަށް، މި ބަދަލުތައް މިހާރު ވަނީ ރިޕޯޓުގައި ހިމަނާފަ އެވެ. މީގެ ބޭނުމަކީ ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ މާލީ ހިސާބުތައް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.
މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އަށް ދޫކުރާ ފައިސާ 9 އޭޕްރީލް 2026 އިން ފެށިގެން ބްލޮކް ގްރާންޓް އުސޫލަށް ބަދަލުވުމާ ގުޅިގެން، ޚަރަދުތައް ރިޕޯޓުކުރާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. 16 އޭޕްރީލްގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 17.5 އިންސައްތަ އިތުރު އަދަދެކެވެ. ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އިން ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 10.6 ބިލިއަން ރުފިޔާގައި ހުރިއިރު، މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވިއިރު، ސަބްސިޑީއަށް ކުރި ހޭދަ ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަގޮތެއްގައި، ފާއިތުވި ހަފުތާގެ މާލީ ރިޕޯޓުން ހާމަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެހީގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމެވެ. ދައުލަތަށް ލިބޭ އާމްދަނީ ހަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ މާލީ ހާލަތު މިވަގުތު އޮތީ ސާޕްލަސްއެއްގަ އެވެ.










