އިދިކޮޅު ލީޑަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވަމުން ގެންދަވާ ތަފާތު އިލްޒާމުތަކަށް "ޗުއްޕު" ވެސް ވިދާޅުނުވެ، އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ދަރަނި ދައްކަވައި ގައުމު ސަލާމަތްކުރައްވަމުން ކަމަށް -އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑގެ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫއިން ޕީއެންސީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް ތަފާތު ތުހުމަތުތައް ރައީސް މުއިއްޒުގެ ބޮލުގައި އަޅުއްވަމުން ގެންދާއިރުވެސް، އެމަނިކުފާނު އެކަންކަމަށް ރައްދު ދެއްވުމުގެ ބަދަލުގައި އިސްކަން ދެއްވަނީ ގައުމީ މަސައްކަތްޕުޅުތަކަށް ކަމަށެވެ. "ރައްދު ދިނުމުގެ ގޮތުން ދޫފުޅުން ޒައްރެއްގެ މިންވަރުވެސް ވިދާޅުނުވެ، ހުރިހާ އިލްޒާމަކަށް ކުރިމަތިލައްވައި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯއްދަވަމުން އެ ގެންދަވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ގެންދަވަނީ ރާއްޖެއަށް ބޭނުންވާ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގެ އިތުރުން، ދަރަނި އަދާކުރުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ރަސްމާލެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، ފުށިދިއްގަރުފަޅުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލީމާ ވާވަރުގެ ބޮޑު ސަރަހައްދެއް މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، އެއީ މުޅި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ފައިސާ ޗާޕުނުކުރަން ތަކުރާރުކޮށް އެދުމުންވެސް އެކަން ކުރަމުން ގެންދިޔުމުގެ ހިތި ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ކޮވިޑުގެ ދަތިކަމަށްފަހު، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަނގުރާމައިގެ ސަބަބުން މުދާ އުފުލާ ކަނޑުއޮޅިއެއް އެއްކޮށް ބަންދުކޮށް، އެތައް ގައުމަކުން ތެޔޮ ހުސްވެ، ކާޑުގެ ބާވަތްތައްވެސް ވަނީ ހުސްވެފައި. ނަމަވެސް އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ނަސީބަކީ އިސްލާމްދީނުގެ އަގީދާގައި ސާބިތުވެ ތިބި ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުން،" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަކީ ރާއްޖެއަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ނަމަވެސް، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އެ ބުރަ ރައްޔިތުންނަށް ނުޖެހޭނެހެން ކަންކަން ތަރުތީބު ކުރެއްވުން ކަމަށެވެ. އަދި ކެތްތެރިކަމާއެކު ކުރައްވާ މި ވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެ ފެނަށް، ގޭހަށް ނުވަތަ ކާޑުގެ ބާވަތަކަށް ޖެހުނު ނުދެއްވާނެ ކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން މިއަދު ދެމުންދާކަމަށްވެސް ސައީދު ވިދާޅުވި އެވެ.









