އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ސިޔާސީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބާތިލުކުރުމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން އަންގައިފި އެވެ.
ޕާޓީގެ ވަގުތީ ޗެއާޕާސަން އަލްފާޟިލް އަބްދުލްގަފޫރު މޫސާއަށް، އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، 12 ޖޫން 2026 ގައި އިންތިހާބު ބޭއްވުމަށް 22 އޭޕްރީލްގައި ކުރި އިއުލާނަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަހްމަދު އަބްދުﷲ އަފީފް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސަށެވެ. އެހެންކަމުން، އޭނާއަށް އެނގުމަކާ ނުލައި ޕާޓީގެ އެއްވެސް ގުނަވަނަކުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެތެރޭގެ މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން،" އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސްގެ ސިޓީގައިވެ އެވެ.
މީގެ އިތުރުން، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނަށް ނޭނގި ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުކޮށްފައިވާ މައްސަލައަށް ވެސް މި ސިޓީގައި އަލިއަޅުވާލާފައިވެ އެވެ. މިފަދަ މެންބަރުންނަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިހާބު ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ތެރޭގައި އޮތް ފެކްޝަންތަކުގެ މެދުގައި ކޯޅުން ބޮޑުވެ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ ފެކްޝަނުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ ހަބަރުތައް ވެސް މީސްމީޑިއާގައި ވަނީ ފެތުރިފަ އެވެ.
އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ވަނީ މިހާރު އިއުލާންކޮށްފައިވާ އިންތިހާބުގެ ޓައިމްލައިނަކީ ބާތިލް ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދިފަ އެވެ. މިކަމާ ގުޅިގެން ޕާޓީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.









