ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބުލީކުރުމާއި އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދާއިރު، މިފަދަ ކުށްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން،" އިހްސާން ވިދާޅުވި އެވެ.
މީގެ އިތުރުން، ބުލީކުރާ ފަރާތްތަކަށް އަދަބު ދިނުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ. މީގެ ބޭނުމަކީ މުޖުތަމައުގައި މިފަދަ ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅޭނެ މަގު ފަހިކުރުމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހަމައެކަނި ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.









