ގައުމީ ޔުނިވަސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު އިހްސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދީފައިވާ ކަމަށާއި، އޭނާގެ ފަރާތުން އެންމެ ފަހުން ޖަވާބެއް ލިބުނީ 8:50 ގައި ކަމަށް ވަޒީރު ތަފްސީލުކޮށްދެއްވިއެވެ. އޭގެ ފަހުން 8:53 ގައި އޭނާ ރަނގަޅު ކަމަށާއި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފުލުހުންނާއި އެ އަންހެން މީހާއާ ދެމެދު އެންމެ ފަހުން މުއާމަލާތެއް ހިނގާފައިވަނީ އެރޭ ދަންވަރު 12:38 ގައި އޭނާ ކުރި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖަށް 3 މިނެޓު ތެރޭގައި ފުލުހުން ޖަވާބު ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ފުލުހުންގެ މެސެޖަށް ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން، 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ހާދިސާ ހިނގި ތަނަށް ފުލުހުން ދިޔަ ވަގުތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ފުލުހުން ދަނާލަށް ވަދެފައިވަނީ 1:08 ހާއިރު ކަމަށާއި، އޭނާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށެވެ. މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގުމުގެ އިތުރުން، މިިނިވަން މުއައްސަސާތަކުންވެސް މި މައްސަލަ ބަލަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރައްވަމުން ވަޒީރު ވިދާޅުވީ، ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާ ކަމަށެވެ. އަދި ހަމައެއާއެކު ދޮގު ވާހަކަތަކުގެ ސަބަބުން އެ ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.









