އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އޮމާން ކަނޑުގެ "ފްލޯޓިންގ ސްޓޯރޭޖް" ނުވަތަ ކަނޑުމަތީގައި ތެޔޮ ރައްކާކުރާ އުޅަނދުތަކުގައި ހުރި 9 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެ ގައުމުން ބޭރުކޮށްފި ކަމަށް ތެޔޮ ބޭރުކުރާ މިންވަރު ބަލާ ޓްރެކަރުތަކުން ހާމަކޮށްފިއެވެ.
ޝިޕިންގ ޑޭޓާ އެނަލިސްޓުން ބުނާ ގޮތުގައި، މި ތެޔޮ ބޭރުކޮށްފައި ވަނީ އޮމާން ކަނޑުގެ އައްސޭރީގައި އޮންނަ އީރާނުގެ ޖާސްކް ޓާމިނަލް ސަރަހައްދުގައި ތިބި އުޅަނދުފަހަރުންނެވެ. މި މަސައްކަތް ކުރިއަށް ގެންދިޔަ އިރު އެމެރިކާ އަކަށް ހިލަމެއް ވެސް ނުވިއެވެ.
މިގޮތަށް ގިނަ އަދަދެއްގެ ތެޔޮ ބޭރުކުރުމުގެ މައިގަނޑު ބޭނުމަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި އީރާނުގެ ތެލުގެ ހިއްސާ ދެމެހެއްޓުމެވެ. އީރާނުން ދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން އެ ގައުމުގެ ތެޔޮ ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށްދެމުންނެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އީރާނުން މިހާ ގިނަ އަދަދެއްގެ ތެޔޮ ކާމިޔާބުކަމާއެކު ބޭރުކުރުމަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ.










