ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 ގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ނިންމައިފިއެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދިންގޮތުގައި މި މަސައްކަތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ދަންވަރު 00:00 އިން ފަތިހު 5:00 އަށް އެ ސަރަހައްދު ބަންދުކޮށް، ޓްރެފިކަށް ބަދަލުތައް ގެނެވޭނެއެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ. އެހެންކަމުން، ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރަން ޖެހޭނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓް 1 އަދި ގޭޓް 2 އަށެވެ.
އެމްޓީސީސީ ބަސްތަކުން ފަސިންޖަރުން ބޭލުމާއި ނެގުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތުން ސައިކަލް ޕާކިން ސަރަހައްދުގައި ހުންނަ ބަސް ހުއްޓިއަށެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ އިންޓާނަލް ބަސް ރޫޓު 1 ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓަށެވެ.
ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް 2 ގެ ކުރިމަތީގައި އޮންނަ ބުރު ކައިރިން ކަމަށްވެސް އެމްއޭސީއެލްއިން އިން ބުންޏެވެ. ނަމަވެސް މި ބަދަލުތަކާއެކުވެސް ބަސްތަކުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
މި ޓްރެފިކް ބަދަލުތައް ހަމައެކަނި ހިނގާނީ ކަނޑައެޅިފައިވާ ދަންވަރުގެ ވަގުތުތަކުގައި ކަމަށްވާތީ، އެ ގަޑިތަކުގައި އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.









