އީރާނަށް އޮތީ ޑީލެއް ހެދުން ކަމަށާއި، އިތުރަށް ފުރުޞަތެއް ނުދޭނަމޭ ވިދާޅުވުމަށް ފަހު، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކުރައްވައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ އިސްލާމްއާބާދުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ބެއްވުމާއި މެދު ޚިޔާލުތަފާތުވުންތަކެއް ކުރިމަތިވެ، އީރާނުގެ އޮފިޝަލުން ވެސް މަޝްވަރާތަކުގައި ބައިވެރިވާން ދެކޮޅު ހަދަމުންދާ ވަގުތެއްގައެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި މުއްދަތު އިތުރު ކުރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ތެހެރާނުން "ޑީލެއް" ހަދާނެ އިރަކަށް އިންތިޒާރު ކުރަމުން، ވަގުތީ ގޮތުން އެކަން ކުރިއަށް ގެންދިއުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވުމުންނެވެ.
ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޕާކިސްތާނުގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އީރާނުން ޕާކިސްތާނަށް އެންގީ އެ ޤައުމުން މަޝްވަރާގައި ބައިވެރި ވުމަށް “އިންޓެރެސްޓް” އެއް ނެތް ކަމަށެވެ.










