ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ނިންމަވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުގެ އިސްލާހީ އެޖެންޑާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމާ ގުޅިގެން، ނުސީދާގޮތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ވަނީ ފަހިވެފައެވެ.
އެހެންކަމުން، ކުރިން ގާނޫނު އޮތްގޮތަށް ބަދަލުތައް ގެންނަވައި ޖުޑީޝަލް ކައުންސިލް އަލުން އުފެއްދުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑީޝަލް ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާނެ މަޖިލީހެއް ކަމަށެވެ. މި ބަދަލާއެކު ޑީޖޭއޭއަކީ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ތަނަކަށް ވެގެންދާނެއެވެ.
"ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެނައި ބަދަލާއެކު މުޅިން އެއްކޮށް ބާރު ބަދަލުވައި މި އޮންނަނީ ޖޭއެސްސީގެ ދަށަށް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ ހިންގުމުގައި މިހާރު ހުރި ގޮންޖެހުންތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު އޮތްގޮތުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށްވުރެ އެޑްމިނިސްޓްރޭޓަރުންގެ ބާރު ގަދަވުމަކީ ޖުޑީޝަރީގެ އަސްލު މަސައްކަތަށް އަސަރުކުރާ ކަމެއް ކަމަށާއި، އެކަންވެސް އިސްލާހު ކުރައްވާނެ ކަމަށެވެ.
ޝަރުއީ ދާއިރާގެ އިތުރުން، ސިޔާސީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމާ ގުޅޭ އިސްލާހުތައް ކުރިއަށް އޮތްތަނުގައި ހުށަހަޅުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









