އިދިކޮޅު އެމްޑީޕީން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެންބަރުން "ފޮޓޯ ހޯދުމަށް" ކުރާ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ މާލޭގެ މަގުތަކުގައި އެމްޑީޕީން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިކޮށް، ރައްޔިތުންނަށް ދަތިވާ ގޮތަށް ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި އެ ޕާޓީގެ ލީޑަރުން ތިއްބެވީ ގޭގައި ހެޔޮހާލުގައި ކަމަށާއި، ނުހައްގުން ޖަލުގައި ހުރި މީހަކު ނުވަތަ ސިޔާސީ އަނިޔާ ލިބެމުންދާ މީހަކުވެސް މިހާރު ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި މުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެންބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. 'ގުރުބާންވީ ތިމަންނައޭ' ބުނެ ޕާޓީގެ މެންބަރުންނަށް ދައްކަން ކުރާ ކަމެއް،" ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއްވެސް އަސާސެއް ނެތި މާލޭގެ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މިފަދަ ކަންކަން ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރައްވައި، އިސްލާހުކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވަމުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީން މަގުމައްޗަށް ނުކުމެ މާލެ ހަލަބޮލިކުރަން އުޅޭ އުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ މަގުމަތި ހަލަބޮލިކުރާ މަންޒަރު ކަމަށާއި، އެއީ އެ ބޭފުޅުން ހޮވި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.









