އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ، މުހައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އަނިލްގެ މައްޗަށް ކަނޑައެޅި 16 އަހަރުގެ ޖަލު ހުކުމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ވަނީ އުނިކޮށްފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ބަންދުގައި ހުރި ހަތަރު މަހާއި 19 ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 15 އަހަރާއި ހަތް މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ކުދިންނަށް ޖިންސީ ގޯނާކޮށް އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ހައްގު އަދަބު ހޯދައިދިނުމުގައި ފަސްޖެހުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ އިދާރާއިން ވަނީ ދީފައެވެ.









