ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށްޓަކައި، އެކަތިގަނޑަކަށްވެ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ ލޯކަލް ކައުންސިލް އިންތިހާބާއި އ.ތ.މ ކޮމެޓީ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ރަސްދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ޕާޓީގެ ލީޑަޝިޕުން ފާސްކޮށްފައިވާ މި ކޮންގްރެސްއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ ޕާޓީގެ ޑިމޮކްރަސީ ހަމަތަކުގެ މަތިން ހަރުދަނާކޮށް ވަރުގަދަކުރުމަށް ލިބޭ އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރަސްދޫގައި ބޭއްވި މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ސްޓިއަރިން ކޮމެޓީތަކާއި ދާއިރާތަކުގެ ރައީސުން ފަދަ މުހިއްމު މަގާމުތަކަށް ބޭފުޅުން ހޮވާއިރު، ގައުމާއި ރަށުގެ މަސްލަހަތުގެ އިތުރުން ދާއިރާގެ މަސްލަހަތު އިސްކުރައްވާނެ އެންމެ ގާބިލު ކެންޑިޑޭޓުންނަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.
"މިއީ ޕާޓީގެ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ވަރުގަދަކުރުމަށް އެންމެ މުހިއްމު ދަނޑިވަޅު. ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ މި ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ދެފުށް ފެންނަ، އަދުލުވެރި އަދި އިންސާފުވެރި ކޮންގްރެސްއަށް ހެދުމަށް ބާރުއަޅުއްވާފަ އެވެ. އަދި ޕާޓީގެ ތެރޭގައި ހަރުދަނާ ނިޒާމެއް ނެތް ނަމަ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެފުށް ފެންނަ އުސޫލެއް ނުގެންގުޅެވޭނެކަން ފާހަގަކުރައްވައި، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
މީގެ އިތުރުން، މިހާރުއްސުރެ މި މަސައްކަތް ފެށުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުތަކަށް ޕާޓީން އޮއްޓަރުހުރި ކެންޑިޑޭޓުން ނެރުމަށް މަގުފަހިވެ، އެކުވެރިކަމާއެކު ނިޒާމީ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮންގްރެސްގެ ތައްޔާރީތަކުގެ ތެރެއިން ޕާޓީއަށް އިތުރު މެންބަރުން އިތުރުކޮށް، ޝައުގުވެރިކަމާއެކު މި މަސައްކަތުގައި ހުރިހާ މެންބަރުން ބައިވެރިވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.









