އީރާނާއި އެކު އައު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްޓަކައި ޕާކިސްތާނަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނުގެ ޔުރޭނިއަމްތައް ވެސް ތެހެރާނުން ބޭރުކުރުމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް (ކޯޕްސް)ގެ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.


ނަމަވެސް އީރާނުން ބުނީ ޓްރަމްޕް ދައްކަވަނީ ޙަޤީޤަތާއި ޚިލާފު ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
އީރާނާއި އެކު މަޝްވަރާ ކުރުމަށް ބޭނުން ކަމަށް ފާހަގަކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އީރާނާއި އެކު އޮތް ނުތަނަވަސްކަން ހައްލުކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގައި ޕާކިސްތާނަކީ މުހިންމު ދައުރެއް އަދާކުރެވިދާނެ ގައުމެކެވެ.
ހަބަރު ތައް ބުނާ ގޮތުގައި މި ދަތުރުފުޅު ކުރައްވަން ނިންމަވާފައި ވަނީ އީރާނުގެ ނިއުކްލިއަރ މައްސަލަ އާއި އިގްތިސާދީ ގުޅުންތަކާއި ގުޅޭ ގޮތުން އައު މަޝްވަރާތަކެއް ފެށުމުގެ ބޭނުމުގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޕާކިސްތާނުގެ ވެރިންނާއި ގާތް ގުޅުމެއް ބޭއްވުނު ކަމަށާއި، އެހެންކަމުން އެ ގައުމުގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް އޭނާގެ އެއްވެސް އުޒުރެއް ނެތެވެ.
މި އެއްބަސްވުމުގެ މަގްސަދަކީ މެދުއިރުމަތީގައި އޮތް ހަމަނުޖެހުންތައް ކުޑަކުރުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. ޕާކިސްތާނަކީ އީރާނާއި އަވަށްޓެރި ގައުމަކަށް ވެފައި، އެމެރިކާ އާއި އެކު ވެސް ގުޅުން އޮންނަ ގައުމަކަށް ވާތީ، މިއީ މިފަދަ މަޝްވަރާއަކަށް އެންމެ އެކަށީގެންވާ ތަން ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވި އިރު އޭނާގެ ނައިބު ރައީސް ވަޑައިގެން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުން ވެސް އިސްލާމް އާބާދުގައި ނިމުނީ ކޮޅެއްގައި ނުޖެހިއެވެ.








