އީރާނުން %60 އަށް ތަރައްޤީ ކޮށްފައިވާ ޔުރޭނިއަމް އެމެރިކާ އާއި ޙަވާލު ކުރުމަށް ތެހެރާނުން އެއްބަސް ވެފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތައް އީރާނުން ދޮގު ކޮށްފިއެވެ.
އީރާނުގެ ދައުލަތާއި ގުޅުން ހުރި މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ރޭ ވިދާޅުވީ މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ ޒައްރެއްގެ މިންވަރު ވެސް ތެހެރާނުން ބޭރަށް ފޮނުވުމުގެ "އެއްވެސް ނިޔަތެއް" ނެތް ކަމަށާއި، އެފަދަ ރިޕޯޓްތަކަކީ ދޮގު، އަދި ސިޔާސީ ގޮތުން ދައްކަމުން ގެންދާ ވާހަކަ ތަކެއް ކަމަށެވެ.
އީރާނުގެ ތަރުޖަމާނަކު ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ނިއުކްލިއާ ތަކެތި ހުންނާނީ ސީދާ އެ ޤައުމުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެއީ އެއްވެސް ބަޔަކާއި މަޝްވަރާ ކުރެވޭނެ އޮނިގަނޑެއްގެ ބައެއް ނޫނެވެ.
ތެހެރާނުގައި ތިބި އޮފިޝަލުން ބުނާ ގޮތުގައި ވޮޝިންޓަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ޔުރޭނިއަމް ބަދަލުކުރުމުގެ މައްސަލަ "އެއްގޮތަކަށް ވެސް އެޖެންޑާގައި ނުހިމެނޭ" ކަމަށެވެ.
އީރާނުން އަބަދުވެސް ބުނަމުން ދިޔައީ ޤައުމީ ސަލާމަތާއި ބެހޭ ކަންކަމަކީ މަޝްވަރާ ކުރެވޭނެ ކަންތަކެއް ނޫން ކަމަށާއި ޔުރޭނިއަމް އަދި ނިއުކްލިއާ ވާހަކަތައް މަޝްވަރާގެ މޭޒަކަށް ނާރާނެ ކަމަށެވެ. އެ ފުރުޞަތު ވެސް ނުދޭނެ ކަމަށެވެ.










