މިދިޔަ އަހަރު ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑީފޯވީޑީ (D4vd) ހައްޔަރުކޮށްފި ކަމަށް ލޮސް އެންޖެލިސް ފުލުހުން ބުނެފި އެވެ.
އަސްލު ނަމުން ނަމަ ޑޭވިޑް އެންތަނީ ބާކް، އުމުރުން 21 އަހަރު، ހައްޔަރުކުރީ ސެލެސްޓް ރިވާސް ހަނާންޑޭޒް ނަމަކަށް ކިޔާ ކުއްޖެއްގެ މަރުގެ މައްސަލައިގަ އެވެ. މި ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޑީފޯވީޑީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓެސްލާ ކާރެއްގެ ތެރެއިންނެވެ.
ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ބަންދުގަ އެވެ. އަދި އަންނަ ހޯމަ ދުވަހު މި މައްސަލަ ޑިސްޓްރިކްޓް އެޓާނީގެ އޮފީހަށް ހުށަހަޅާނެ އެވެ.
މި މައްސަލައާ ގުޅިގެން ޑީފޯވީޑީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ސެލެސްޓް މަރާނުލާ ކަމަށާއި، އެކަން ސާބިތުކޮށްދޭނެ ހެކި އެބަހުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ހަމައެކަނި ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވަކީލުން ބުންޏެވެ.
މި ހާދިސާ ފަޅާއެރީ ހޮލީވުޑްގެ ސަރަހައްދެއްގައި އޮތް ކާރަކުން ނުބައި ވަސް ދުވާތީ ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ފުލުހުން ބެލިބެލުމުން ކާރުގެ ކުރީކޮޅު "ބޫޓް" ތެރެއިން ކުއްޖާގެ ބޯ އަދި ހަށިގަނޑުގެ ބައިތައް ވަނީ ފެނިފަ އެވެ. މެޑިކަލް އެގްޒެމިނަރުން ބުނާ ގޮތުގައި ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.
މި މައްސަލައިގައި އިތުރަށް ފާހަގަކުރެވޭ ކަމަކީ، މަރުވި ކުއްޖާގެ އިނގިލީގައި "Shhh…" މިހެން ލިޔެފައިވާ ޓެޓޫއެއް އިނުމެވެ. މިއީ ލަވަކިޔުންތެރިޔާ ޑީފޯވީޑީގެ އިނގިލީގައިވެސް އިންނަ ފަދަ ޓެޓޫއެކެވެ.
ޓެކްސަސްގެ ހިއުސްޓަންއަށް އުފަން ޑީފޯވީޑީ އަކީ "ހިޔާ ވިތު މީ" އަދި "ރޮމޭންޓިކް ހޮމިސައިޑް" ފަދަ މަޝްހޫރު ލަވަތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. މި ހާދިސާއާ ގުޅިގެން އޭނާ ވަނީ ދުނިޔޭގެ ޓުއާ ކެންސަލްކޮށް، އާންމުންގެ ތެރެއަށް ނުނިކުމެ މަޑުކޮށްފަ އެވެ. އަދި ބައެއް ބޮޑެތި ބްރޭންޑްތަކުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލާފަ އެވެ.










