ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ފެއިތު" ގެ ވީޑިއޯއިން ފެނިގެންދިޔަ ތާރީހީ ގިޓާ، ބޮޑު އަރާރުމަކަށް ފަހު ނީލަމުގައި 180،000 ޕައުންޑަށް (ގާތްގަނޑަކަށް 3.5 މިލިއަން ދިވެހި ރުފިޔާއަށް) ވިއްކާލައިފިއެވެ. މި ގިޓާ ވިއްކާލާފައިވަނީ ޖޯޖް މައިކަލްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް (ޕީއޭ) ޝިވޯން ބެއިލީގެ އާއިލާއިން މި ނީލަމާ މެދު ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.
ސްވޯޑާސް ނީލަން ފިހާރައިން ކުރިއަށްގެންދިޔަ މި ނީލަމުގައި ޝިވޯން ބެއިލީގެ އަތުގައި ހުރި ޖޯޖް މައިކަލްއާ ގުޅުންހުރި 30 އަށް ވުރެ ގިނަ ތަކެތި ހިމެނުނެވެ. މި ހުރިހާ ތަކެއްޗެއް ޖުމްލަ 238،000 ޕައުންޑަށް ވިއްކާލެވުނުއިރު، އެންމެ އަގުބޮޑުކޮށް ވިކުނީ 180،000 ޕައުންޑަށް ނީލަން ކިޔުނު 'ފެއިތު' ގިޓާއެވެ.
މި ތަކެތި ނީލަމަށް ލާފައިވަނީ 2014 ވަނަ އަހަރު ޝިވޯން މަރުވުމާ ގުޅިގެން، އޭނާގެ ވާރުތަ މުދަލުގެ ގޮތުގައި އެ ތަކެތި ލިބުނު އޭނާގެ ފިރިމީހާ އިއާން ބެލްޗާ އެވެ. ޝިވޯން މަރުވިއިރު، އޭނާ ދިޔައީ ފިރިމީހާ ވަކިވެ، ވަރީގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ގާނޫނީ ގޮތުން ވަރި ފުރިހަމަނުވެ، އަދި ވަސިއްޔަތެއްވެސް ރަޖިސްޓްރީ ކުރެވިފައި ނެތުމުން މި ތަކެތި ގާނޫނީ ގޮތުން މިލްކުވީ ބެލްޗާ އަށެވެ.
މި ނީލަމާ ގުޅިގެން ޝިވޯންގެ ކޮއްކޮ ޖެރާޑް ބެއިލީ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ދައްތަގެ ނަން ބޭނުންކޮށްގެން، ދައްތަގެ އެންމެ އަގުބޮޑު ހަނދާންތައް މިގޮތަށް އެންމެ ބޮޑު އަގު ހުށަހަޅާ މީހަކަށް ވިއްކާލާތަން ދެކެން ދައްތަ ދުވަހަކުވެސް ބޭނުންނުވާނެ ކަމަށެވެ. އަދި މިއީ ދައްތަގެ ޒާތީ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، ދައްތަ މަރުވިތާ 12 އަހަރު ފަހުން މި ތަކެތި ވިއްކައިގެން ފައިދާ ހޯދަން އުޅުމަކީ ވަރަށް "ބޭއަދަބީ އަދި ލަދުވެތި" ކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މި ތަކެތި ވިއްކުމުގެ ގާނޫނީ ހައްގު ބެލްޗާއަށް އޮތް ކަމަށް އޭނާ ގަބޫލުކުރެއެވެ. މި މައްސަލައިގައި ބެލްޗާ އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހަދާފައިވެއެވެ.
ނީލަން ފިހާރައިގެ ޗެއާމަން ގާއި ސްކޫލިންގ ވިދާޅުވީ، މިއީ އެއްގޮތަކުން ފައިސާ ހޯދުމުގެ އަމަލެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އަނެއްގޮތުން މިއީ ޝިވޯންގެ ހަނދާނަށް ދެވޭ ޓްރިބިއުޓެއްގެ ގޮތުގައިވެސް ބެލެވިދާނެ ކަމަށެވެ.
ޝިވޯން ބެއިލީއަކީ 1984 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 20 އަހަރު ވަންދެން ޖޯޖް މައިކަލްގެ އިތުބާރު ހިފޭ އަދި އެންމެ އަރިސް ޕީއޭގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި 1987 ވަނަ އަހަރު ނެރުނު އަލްބަމްގެ އެ ގިޓާއަކީ ޖޯޖް މައިކަލް އޭނާގެ ދައްތައަށް ދިން ވަރަށް ޚާއްސަ ހަދިޔާއެކެވެ.
މި ނީލަމުގައި ގިޓާގެ އިތުރުން ކްއީން ބޭންޑުގެ މެންބަރުންނާއި ޖޯޖް މައިކަލް ސޮއިކޮށްފައިވާ ރެކޯޑު ކަވަރަކާއި، 1988 ވަނަ އަހަރުގެ 'ފެއިތު ޓުއާ' ގެ ޒާތީ ޑައިރީއަކާއި އަދި 'ވެމް!' ބޭންޑުގެ ރަން ޑިސްކުތައް ފަދަ ތާރީޚީ ގިނަ ތަކެތި ވަނީ ވިއްކާލާފައެވެ.



