މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ އެންމެ ފަހުގެ މިއުޒިކް އަލްބަމް ޗާޓުތަކުގެ އެއްވަނައަށް އަރައި، އޭނާގެ އަމިއްލަ ސޭލްސް ރެކޯޑްތައް މުގުރާލައިފި އެވެ. އިނގިރޭސިވިލާތުގެ އޮފިޝަލް އެލްބަމްސް ޗާޓުން ހާމަކޮށްފައިވާ ގޮތުގައި، މި އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
މި އަލްބަމް ނެރުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިކުނު އަދަދަށް ބަލާއިރު، މިއީ ހެރީގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު އަދި އެންމެ ގިނަ އަދަދަކަށް ވިކުނު އަލްބަމެވެ. މި ކާމިޔާބީ ލިބިފައިވަނީ ގިނަ އަދަދެއްގެ ބަޔަކު އަލްބަމް ސްޓްރީމްކުރުމާއި ފިޒިކަލް ކޮޕީތައް ގަތުމުގެ ސަބަބުންނެވެ.
ހެރީ ސްޓައިލްސް ބުނި ގޮތުގައި، މި އަލްބަމް ތައްޔާރުކުރުމަށް އޭނާއަށް އިންސްޕިރޭޝަން ނުވަތަ ހިޔާލު ލިބުނީ 22 މަސް ދުވަހުގެ "ލަވް އޮން ޓުއާ" ނިންމުމަށްފަހު އަލުން އާންމު ދިރިއުޅުމުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ ކޮންމެ ކަމަކަށް "އާނބަސް" ބުނެ، އާންމުންގެ ތެރޭގައި ވަގުތު ހޭދަކޮށް، ބިދޭސީންނާއެކު ނަށާ ލަވަކިޔައި އުޅުމުގެ ތަޖުރިބާ އެވެ.
ހެރީ ބުނި ގޮތުގައި އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި ބައެއް ދޮރުތައް ބަންދުކުރުމުން، އޭގެ ސަބަބުން ގިނަ ފުރުސަތުތަކާއި ހެޔޮ ކަންތައްތަކެއްވެސް ބަންދުވާ ކަމަށެވެ. އެހެންކަމުން، މި އަލްބަމަކީ އާ މީހުންނާ ބައްދަލުކޮށް، އާ ރަހުމަތްތެރިން ހޯދައި، ދުނިޔެ ތަފާތު ގޮތަކަށް ތަޖުރިބާކުރުމުގެ މައްޗަށް ބިނާވެފައިވާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
މި އަލްބަމްގެ ސަބަބުން އަޑުއަހާ މީހުންނަށްވެސް ދުނިޔެއަށް ހުޅުވާލެވިފައިވާ ބަޔަކަށްވުމަށް ހިތްވަރު ލިބޭނެ ކަމަށް ހެރީ އުއްމީދު ކުރެ އެވެ. މިއީ ހެރީ ސްޓައިލްސްގެ މިއުޒިކީ ހަޔާތުގައި ހޯދި ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި މިއުޒިކް ކްރިޓިކުން ވަނީ ސިފަކޮށްފަ އެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ 11 ހަފުތާގައިވެސް އިނގިރޭސިވިލާތުގެ އަލްބަމް ޗާޓުގެ އެއްވަނަ މަގާމު ހޯދާފައިވަނީ އެ ގައުމުގެ އާޓިސްޓުންނެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކާމިޔާބީއެއް އިނގިރޭސި އާޓިސްޓުންނަށް ޖެހިޖެހިގެން ލިބުނު ފުރަތަމަ ފަހަރެވެ.
މި ފަހަކަށް އައިސް ޗާޓުތަކުގެ އެއްވަނަ ހޯދި މަޝްހޫރު ފަންނާނުންގެ ތެރޭގައި އޮލީވިއާ ޑީން، ރޮބީ ވިލިއަމްސް، ލުއީ ޓޮމްލިންސަން އަދި ޗާލީ އެކްސް.ސީ.އެކްސް ހިމެނެ އެވެ. ނަމަވެސް، އަންނަ ހަފުތާގައި ކޭ-ޕޮޕް ބޭންޑް ބީ.ޓީ.އެސް އެނބުރި އައުމާއެކު، އިނގިރޭސި ފަންނާނުންގެ މި ރެކޯޑަށް ބަދަލެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ.
މިއުޒިކް އިންޑަސްޓްރީގެ އިސް އިދާރާއެއް ކަމަށްވާ ބީ.ޕީ.އައިގެ ވެރިޔާ ޑރ. ޖޯ ޓްވިސްޓް ވިދާޅުވި ގޮތުގައި، ޖެހިޖެހިގެން 11 ހަފުތާވަންދެން އިނގިރޭސި މިއުޒިކް ޗާޓުގެ ކުރީގައި އޮތުމަކީ މިވަގުތު އިނގިރޭސި މިއުޒިކަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. ކުރިއަށް އޮތް ތަނުގައި ރޭ، އާލޯ ޕާކްސް އަދި ޖެސީ ވެއާ ފަދަ ފަންނާނުންގެ އައު އުފެއްދުންތައް ނުކުންނަން ހުރުމާއެކު، މިއުޒިކް އިންޑަސްޓްރީގެ މުސްތަގުބަލާ މެދު އުއްމީދު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
މި އުފާވެރި ހަބަރު ލިބިފައިވަނީ، 2025 ވަނަ އަހަރު އިނގިރޭސިވިލާތުގެ މިއުޒިކް އިންޑަސްޓްރީން ރެކޯޑް އަދަދެއް ކަމަށްވާ 1.57 ބިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދާފައިވާކަން ބީ.ޕީ.އައި އިން ހާމަކުރި ހަފުތާގަ އެވެ. މިއީ އިނގިރޭސި މިއުޒިކްގެ މަގުބޫލުކަން ދުނިޔޭގެ ބާޒާރުގައި އިތުރުވަމުންދާކަމުގެ ހެއްކެކެވެ.










