އޮޅުވާލައިގެން އިންވެސްޓަރުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދި ކަމަށް ބުނެ، ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަ މޭންޑީ ޓީފީގެ އިތުރުން ވިޔަފާރިވެރިޔާ ޑެނިއެލާ ޕިއާސަންގެ މައްޗަށް އެމެރިކާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ އެމެރިކާގެ ޑެލަވެއާގެ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި ދައުވާ އުފުލާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ސެލީނާ އިސްވެ އުފައްދާފައިވާ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ވޮންޑަމައިންޑް" އަށް 1.2 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރި ދެ ކުންފުންޏެއް ކަމަށްވާ "ވޮންޑަމައިންޑް އެސްއާރްއެސް 44" އަދި "ބެސްޕޯކް ވޮންޑަމައިންޑް" އިންނެވެ.
އިންވެސްޓަރުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުންޏަށް ފައިސާ އިންވެސްޓުކުރީ ކުންފުނީގެ ހިންގުމުގެ އޮނިގަނޑާއި، ލީޑަޝިޕް އަދި ލިބެން ހުރި ވަސީލަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ދިނުމުންނެވެ. އަދި ކުންފުނީގެ "ހެޑް އޮފް މާކެޓިން" ގެ ގޮތުގައި ސެލީނާ ގޯމޭޒް އަމަލީ ގޮތުން ހަރަކާތްތެރިވެ، އޭނާގެ މަގުބޫލުކަން ބޭނުންކޮށްގެން ކުންފުނި ކުރިއަރުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، ފައިސާ ހޯދުމަށްފަހު އޭނާ ވަނީ ކުންފުނީގެ ކަންކަމާ އެއްކޮށް ދުރުވެފައި ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، މި މައްސަލައިގައި 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު "ދަ ކަޓް" މަޖައްލާގައި ޝާއިއުކުރި ރިޕޯޓަކަށް ރިއާޔަތްކޮށް، ސެލީނާގެ މަންމަ ޓީފީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އޭނާގެ ސަބަބުން ކުންފުނި ހިންގުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ކޯ-ފައުންޑަރު ޕިއާސަން އޭނާގެ ވިޔަފާރީގެ ކާމިޔާބީތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކައި، ކުންފުނި ބަނގުރޫޓުވެ އިނދަޖެހެމުން ދިޔައިރުވެސް އެކަން އިންވެސްޓަރުންނަށް ގަސްދުގައި ސިއްރުކުރި ކަމަށް ދައުވާގައި ބުނެފައިވެއެވެ. ނަމަވެސް، މިއީ އަދި ޝަރުއީ މަރުހަލާގައި ސާބިތުވެފައިވާ ތުހުމަތުތަކެއް ނޫނެވެ.
މި މައްސަލަ ހުށަހެޅި އިންވެސްޓަރުން ކޯޓުގައި އެދިފައިވަނީ، އެ މީހުން އިންވެސްޓުކުރި 1.2 މިލިއަން ޑޮލަރު ފުރިހަމައަށް އަނބުރާ ހޯދައިދިނުމަށާއި، މި ކަމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
މި ތުހުމަތުތަކާއި ކޯޓަށް ހުށަހެޅިފައިވާ ދައުވާއާ ގުޅިގެން، ސެލީނާ ގޯމޭޒް އަދި އޭނާގެ މަންމަގެ ފަރާތުން ނުވަތަ އެ މީހުންގެ ގާނޫނީ ވަކީލުންގެ ފަރާތުންވެސް މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.









