ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" ދުނިޔޭގެ ބޮކްސް އޮފީހުގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކްގެ ރެކޯޑް މުގުރާލައިފި އެވެ.
މައިކަލް ޖެކްސަން މަރުވިތާ 17 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް، އޭނާގެ މަގުބޫލުކަން ދުނިޔޭގައި އަދިވެސް ކުޑަނުވާކަން މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީން ހާމަވެގެންދާ ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ރިޕޯޓްތަކުން ބުނެ އެވެ. އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެނީ އޭނާއަށް ބޮޑުބޭބެ ކިޔާ ޖާފަ ޖެކްސަން އެވެ.
މި ފިލްމު މިވަނީ މީގެ ކުރިން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ބަޔޮޕިކް ފިލްމުތައް ފަހަތަށް ޖައްސާލައިފަ އެވެ. އެގޮތުން މިހާތަނަށް މި ރެކޯޑް ދަމަހައްޓަމުން އައި ކުއީން ބޭންޑުގެ ފްރެޑީ މާކިއުރީގެ ހަޔާތުގެ މައްޗަށް ހެދި "ބޮހީމިއަން ރެޕްސަޑީ" (2018) އަށް ލިބުނު 911 މިލިއަން ޑޮލަރާއި، ކްރިސްޓޮފާ ނޯލަންގެ ކާމިޔާބު ފިލްމު "އޮޕަންހައިމާ" (2023) އަށް ލިބުނު 977 މިލިއަން ޑޮލަރުގެ ރެކޯޑް "މައިކަލް" އިން ވަނީ މުގުރާލައިފަ އެވެ.
މިއީ ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން ދޫކޮށްލުމުން "ލަޔަންސްގޭޓް" ފަދަ މިނިވަން ސްޓޫޑިއޯއަކުން ޔުނިވާސަލް ޕިކްޗާސްއާ ގުޅިގެން ނެރުނު ފިލްމުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
އެގޮތުން، ފިލްމު ރިވިއުކުރާ ކްރިޓިކުންގެ މެދުގައި މި ފިލްމަށް ލިބުނީ އެވްރެޖް ތަރުހީބެކެވެ. ރޮޓެން ޓޮމާޓޯސްގައި ކްރިޓިކްސްގެ ސްކޯއަކީ އެންމެ 40 ޕަސެންޓް ކަމަށް ވީނަމަވެސް، ބެލުންތެރިންގެ ފަރާތުން މި ފިލްމަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ބެލުންތެރިންގެ ސްކޯ ނުވަތަ އޯޑިއަންސް ސްކޯ ވަނީ 97 ޕަސެންޓަށް އަރައިފަ އެވެ.









