އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް އިޝްތިހާރު ކުރުމަށް، އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭގެ ލަވަތައް ބޭނުން ނުކުރުމަށް އޭނާ ވައިޓް ހައުސް އަށް އަންގައިފި އެވެ.
މިކަމާ ގުޅޭ ރިޕޯޓްތައް ބުނާ ގޮތުގައި، އަރިއާނާ މިގޮތަށް އެންގީ އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ރަސްމީ ޓިކްޓޮކް އެކައުންޓުން ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ އެމެރިކާގެ ފެޑެރަލް އެޖެންޓުން ބައެއް މީހުންގެ އަތުގައި ބިޑިއަޅުވައި، ހައްޔަރުކޮށްގެން ޑިޓެންޝަން ސެންޓަރުތަކަށް ގެންދާ މަންޒަރެވެ.
މި ވީޑިއޯގެ ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އަރިއާނާގެ 2024 ވަނަ އަހަރުގެ މަގްބޫލު ލަވަ "ބާއި" އެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެ ވީޑިއޯއަށް ކުރި ކޮމެންޓެއްގައި އަރިއާނާ ބުނެފައިވަނީ "މިފަދަ އަނިޔާވެރި، އިންސާނިއްޔަތާ ހިލާފު، އަދި ނުބައި އަމަލުތަކާ ގުޅުވައިގެން އަހަރެންގެ މިއުޒިކް ދުވަހަކު ވެސް ބޭނުން ނުކުރުމަށް އެދެން،" ކަމަށެވެ.
ވައިޓް ހައުސްއިން ފަހުން ވަނީ އެ ވީޑިއޯގެ އަޑު ކަނޑާލައި، އަރިއާނާ ކުރި ކޮމެންޓު ވެސް ޑިލީޓްކޮށްލައިފަ އެވެ. އަރިއާނާގެ ކޮމެންޓު ޑިލިޓްކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމެރިކާ ސަރުކާރުގެ އެ އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.









