މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ބެވާލީ ހިލްސްގައި ހުންނަ ގެއަށް ބަޑިޖެހި މައްސަލައެއްގައި 35 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ލޮސް އެންޖެލެސްގެ ފުލުހުން މައުލޫމާތު ދޭގޮތުގައި، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިވާނާ ލިސެޓް އޮރްޓިޒް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 10.2 މިލިއަން ޑޮލަރުގެ ކަފާލާތެއް ކަނޑައަޅާފައެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:15 ހާއިރުއެވެ.
ލޮސް އެންޖެލެސް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭއާރު-15 މާކްގެ ބަޑިއަކުން ހަމަލާދިން މީހާ ބަޑިޖަހާފައިވަނީ ދުއްވާފައިދިޔަ އުޅަނދެއްގެ ތެރޭގައި އިނދެ، ރިއާނާގެ ގެއާ ދިމާލަށެވެ. މި ހާދިސާ ހިނގި ވަގުތު ރިއާނާ ގޭގައި އުޅުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުން އެސޯލްޓް ރައިފަލެއްގެ ވަޒަންތަކެއް ވަނީ ފެނިފައެވެ. ތުހުމަތު ކުރެވޭ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ރިއާނާގެ ގެއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ ޝެރްމަން އޯކްސް ގަލޭރިއާ ޝޮޕިންގ ސެންޓަރު ކައިރިން އޭނާގެ ހުދުކުލަގެ ޓެސްލާ ކާރުގައި އިންދައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާއަކީ ފްލޮރިޑާގެ އޯލެންޑޯއަށް ނިސްބަތްވާ މީހެކެވެ.









