ނިމިދިޔަ އިންތިހާބުތަކުން ސަރުކާރަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ، ހއ. އުތީމު ކައުންސިލްގެ އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީއަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުތަކުން ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތްކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ރައްޔިތުން އަޅުގަނޑުމެން ގާތުގައި ވިދާޅުވީ، އަޅުގަނޑުމެންނަށް ދެއްވި މެސެޖަކީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ތާއީދު އެބައޮތޭ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ ތާއީދު އޮތީ ޕީއެންސީގެ ސިޔާސަތުތަކަށް ކަމަށާއި، ނަމަވެސް 2028 ވަނަ އަހަރާ ހަމައަށް ދާއިރު ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ގެންނަންޖެހޭ ބަދަލުތައް އިހްލާސްތެރިކަމާއެކު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނަން ބޭނުންވާ ސިޔާސަތެއް ނުވަތަ ގާނޫނެއް އޮތް ނަމަ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން 24 ގަޑިއިރު ނުނިދާ ހޭލާ ތިބެގެން ނަމަވެސް، ދިވެހި ރައްޔިތުންގެ ހައްގުގައި އެ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.









