ހައްދުފަހަނައެޅި އިސްރާއީލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް މާދަމާ މާލޭގައި ހާއްސަ އެއްވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އެއްވުމަކީ ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބާއްވާ ހަރަކާތެކެވެ.
އިސްރާ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުން އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ގާނޫނެއް ފާސްކޮށްފައިވާއިރު، މިއީ އެއްވެސް ދީނެއްގައި އަދި ތާރީހުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މި އެއްވުމަކީ ހަމައެކަނި ރާއްޖޭގައި ބާއްވާ ހަރަކާތެއް ނޫނެވެ. މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދަނީ ފަލަސްތީނުގެ އިލްމުވެރިންގެ ޖަމިއްޔާ އާއި ގްލޯބަލް ކޯލިޝަން ފޯ ގުދުސް އެންޑް ޕަލަސްޓައިންގެ އިތުރުން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެދުމުގެ މަތިންނެވެ.
އިސްރާ އެސޯސިއޭޝަނުން ބުނީ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ކުށެއްނެތް އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ގާނޫނާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށެވެ.
ރާއްޖޭގެ ތާއީދު ފަލަސްޠީނަށް
ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ދިވެހިރާއްޖޭން އަބަދުވެސް ދަނީ ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލަމުންނެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން މުޅި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ.
މާދަމާގެ އެއްވުމުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މިކަން ގެނައުމެވެ. މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.










