ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓްރީ ފުރަތަމަ އުފެއްދީއްސުރެ އެ މިނިސްޓްރީގެ ދަށުގައި އޮތުމަށް ފަހު، މި ސަރުކާރުން ޔޫތު މިނިސްޓްރީ އަށް މެންޑޭޓް ބަދަލުކުރި މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތައް އަނެއްކާ ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ އާ މެންޑޭޓުގެ ތެރޭގައި މީޑިއާތަކާއި ޖަމިއްޔާތައް ހިމެނީ މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގައި "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ" ގެ ނަމަށް ބަދަލުކޮށް، ރައީސް އޮފީހުން އާއްމުކުރި ތަފްސީލުގައެވެ.
ރައީސް އޮފީހުގެ ލިޔުމުގައިވާ ގޮތުން ރާއްޖޭގެ ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރަން ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެ ދާއިރާ ކުރިއަރުވަން މަގުފަހިކޮށްދިނުމަކީ ހޯމް މިނިސްޓްރީގެ ޒިންމާ އެކެވެ. މީގެ އިތުރުން ރާއްޖޭގެ ލިޔުންތެރިން ދަފުތަރުކޮށް، އެ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާރު ވަނީ އެ މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ޖަމިއްޔާ، ޖަމާއަތްތަކުގެ ބެލެނިވެރި މިނިސްޓްރީގެ ހައިސިއްޔަތުން ހޯމް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި އެހީތެރިވެދިނުން ހިމެނެއެވެ. އަދި ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް، ކުރިއަރުވަން މަސައްކަތް ކުރުމަކީ ވެސް އެ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.
ރައީސް އޮފީހުން އާއްމުކުރި ލިސްޓުގައިވާ ގޮތުން، ޖަމިއްޔާ ޖަމާއަތްތަކަށް އެ މިނިސްޓްރީން ކޮށްދޭންޖެހޭ އެހެން ގިނަ ހިދުމަތްތަކެއް ވެސް މިހާރު ވަނީ ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައެވެ.










