ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަގާމަށް، މުހައްމަދު ހުސައިން ޝަރީފް (މުންދު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
މުންދު އެންމެ ފަހުން އަދާކުރެއްވީ ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމެވެ. އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ އޭނާ ވަކިކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ދައުލަތުގެ މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި ހިމެނެނީ:
- ޔޫތު މިނިސްޓަރުކަން: 12 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރު 2013 އަށް.
- ރައީސް އޮފީހުގެ މިނިސްޓަރުކަން: 19 ނޮވެމްބަރު 2013 އިން 21 ނޮވެމްބަރު 2013 އަށް.
- ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން: 14 އޭޕްރީލް 2017 އިން 23 އޮކްޓޫބަރު 2017 އަށް.
- ސްްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން: 23 އޮކްޓޫބަރު 2017 އިން 16 ނޮވެމްބަރު 2018 އަށް.
- ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން: 14 ޖޫން 2024 އިން 06 އޭޕްރީލް 2026 އަށް.
މުންދަކީ މިސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ މި މަގާމުގައި ހުންނެވީ މުހައްމަދު ޝަހީބެވެ.









