މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މުއްދަތު އިތުރުކުރި ކެޓަގަރީތަކުގެ ތެރޭގައި:
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން.
- "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 1ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- "ގޯތިގެދޮރު" ޕްރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1,500 ފްލެޓްގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15,000 ގޯއްޗެވެ.
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ މި މަހުގެ 17 އަށް ހަމަވިއިރު، ގޯއްޗަށް އެދުމުގެ މުއްދަތު ކުރިން އޮތީ މާޗު މަހުގެ ހަތަރު ވަނަ ދުވަހަށެވެ. ނަމަވެސް އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިނިސްޓްރީން މިހާރު ވަނީ މި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ.









