މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަތީން މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. ނަމަވެސް، މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި ސީދާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
މަތީން އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. ބެލެވޭ ގޮތުގައި މިއީ ސަރުކާރުގެ އިސް މަގާމުތަކަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރެއިން ހިނގި ކަމެކެވެ.
ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ބޮޑެތި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާއިރު، ބައެއް ބޭފުޅުން އަންނަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.









