ފ. ފީއަލީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑެތި ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ޓީމެއް އެރަށަށް ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރިގޮތުގައި މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކޮށް، ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެނެގަތުމެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ހާއިރު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި މި ހާދިސާގައި، ތެޔޮ ބޯޓުގެ އިތުރުން މަސްވެރިކަން ކުރާ ތިން ދޯންޏަކާއި އެރަށުގެ އައިސް ޕްލާންޓުގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އެދުވަހުގެ މެންދުރުފަހު 13:50 ހާއިރުއެވެ.
މި ހާދިސާގައި ގެއްލުންވި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. މިފްކޯއިން މައުލޫމާތު ދިންގޮތުގައި، އަލިފާން ރޯވި ތެޔޮ ބޯޓާއި އައިސް ޕްލާންޓާ ދެމެދު ހުރީ އެންމެ 15 ވަރަކަށް ފޫޓުގެ ދުރުމިނެކެވެ. މި އައިސް ޕްލާންޓަކީ މިދިޔަ އަހަރުގެ ޖޫން މަހު ފެނަކައިން މިފްކޯއާ ހަވާލުކުރުމުން، ސެޕްޓެމްބަރު 1 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެސްފައިވާ ތަނެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ހާދިސާގައި ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެހެން ބައެއް އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.










