މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމުން މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު މަގާމުން އިސްތިއުފާދިން ކަން ކަށަވަރުކޮށްދިން ނަމަވެސް އިސްތިއުފާ ދިނީ ކީއްވެކަން ހާމަކޮށްފައެއް ނުވެއެވެ.
ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވި ތިންވަނަ ބޭފުޅާއެވެ.
ފަރުހަތަކީ ދިވެހި ސިފައިންގެ ހިދުމަތުގައި 30 އަހަރު ދުވަހު އުޅުއްވުމަށްފަހު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި 2012 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅެކެވެ. ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.
މި ސަރުކާރުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރެއްވުމަށްފަހު، އެ މަގާމަށް ދެން އައްޔަން ކުރެއްވީ ޔޫކްރެއިނަށް ނިސްބަތްވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ. ފަރުހަތު މަގާމާ ހަވާލުވެވަޑައިގަތީ ލިއުބިމޮވްއަށް ފަހުގައެވެ.










