މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ޝައްފާހް ލަތީފް، އަޙްމަދު މަދީހު، އަހްމަދު އަނާމް އިބްރާހީމް އަދި ނޫރުއްނިޒާމް އެވެ. މި ހަތަރު މީހުންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، މި ނެޓްވޯކަކީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާ ނެޓްވޯކެކެވެ. މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ޚާއްޞަ ތަހުގީގެއް ފަށާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގަ އެވެ. ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކުގެ މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެ އެވެ.
ތަހުގީގުން ހާމަވެފައިވާ ބައެއް މާލީ ތަފުސީލުތައް:
- އަޙްމަދު މަދީީހު: އޭނާގެ އެކައުންޓުތަކުގައި 17,174,461.12 ރުފިޔާ ދައުރުކޮށްފައިވާއިރު، އެ މުއްދަތުގައި މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 430,638.99 ރުފިޔާ.
- އަހްމަދު އަނާމް އިބްރާހީމް: އޭނާގެ އެކައުންޓުތަކުގައި 38,812,690.60 ރުފިޔާ ދައުރުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 271,874.32 ރުފިޔާ އެވެ.
- ޝައްފާހް ލަތީފް: އޭނާގެ އެކައުންޓުތަކުގައި 6,916,752.83 ރުފިޔާ ދައުރުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 371,635.36 ރުފިޔާ.
މި ނެޓްވޯކުގައި އިސްވެ ހަރަކާތްތެރިވާ ފަރާތުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދޭ 19 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައަކީ ރާއްޖޭގައި ހިންގާ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ރޫޅާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގުނު ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ.









