ތ. ވިލުފުށި އަދި ބ. ތުޅާދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްފި އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު، 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މި ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ "ހިޔާވެހި ޕޯޓަލް" (https://hiyaavehi.housing.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތަށެވެ. ތުޅާދޫގެ ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އުސޫލު ނަންބަރު G-33/2025 ގެ ދަށުންނެވެ. އަދި ވިލުފުށީގެ ހައުސިންގ ޔުނިޓުތައް ދޫކުރާނީ އުސޫލު ނަންބަރު G-34/2025 ގެ ދަށުންނެވެ.
ވިލުފުށި އަދި ތުޅާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން ވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރެކޯޑު އަދަދަކަށް ހައުސިން ޔުނިޓު އެޅުމަށް ނިންމާފައެވެ.
އެގޮތުން، މާލެ ސަރަހައްދުގައި އެކަނިވެސް 7،900 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމަށްޓަކައި ރެކޯޑު އަދަދަކަށް ބިން ދޫކުރުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ. މިގޮތުން ރަސްމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކަނިވެސް 15،000 ގޯތި ދޫކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.









