މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އިގުތިސާދީ ކުރިއެރުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.
އޭޑީބީން މި މަހު ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
އޭޑީބީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، މި އަހަރު އެ ރޭޓު އެއް އިންސައްތައަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ތިން އިންސައްތައަށް އުފުލޭނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.
އިގުތިސާދީ ހީނަރުކަމުގެ އިތުރުން، ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމުގެ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަސް އިންސައްތައަށް އުފުލޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ދަރަނީގެ ހާލަތަށް ބަލާއިރު، ކުރީގެ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން އަނބުރާ ދެއްކުމަކީ ފިސްކަލް ހާލަތަށް ލިބުނު ކުރިއެރުމެއް ނަމަވެސް، މީގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭޑީބީން ބުނި ގޮތުގައި، ސުކޫކު ދެއްކުމަށްފަހު ވެސް ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 އިންސައްތައިގަ އެވެ.
އޭޑީބީން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް އިރުޝާދު ދީފަ އެވެ. ބޭރުން އިތުރު ދަރަނި ނެގުމުގެ ފުރުސަތުތައް މަދުވެފައިވާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ބޭންކުން ދެކެ އެވެ.
މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް، ފަތުރުވެރިކަމުގެ ދާއިރާއިން އުއްމީދީ ނިޝާންތަކެއް ފެންނަން އެބަހުއްޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު، މިދިޔަ އަހަރު ފަތުރުވެރިކަން 10 އިންސައްތަ ކުރިއަރާފައިވާއިރު، ހަނގުރާމައިގެ ހާލަތުގައި ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުވާނެ ކަމަށް އޭޑީބީގެ އަންދާޒާތަކުން ދައްކަ އެވެ.










