ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، ބޭރުގެ ދަރަނިތައް ދެއްކުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން 02 އެޕްރީލް 2026 ގެ ނިޔަލަށް އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފަ އެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާއާ ބެހޭ ގާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރުން ހިމެނެ އެވެ. މި ސިޔާސަތުތަކުގެ ސަބަބުން މާޗު 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސުކޫކް ދެއްކުމަށް ބޭނުންވާ ފައިސާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ޖަމާކުރެވުނެވެ.
ރިޕޯޓުގައިވާ ގޮތުން، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 19.0 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވި ހަފުތާގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ވެސް ޓީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.









