ނޯތު އެޓްލާންޓިކް ކަނޑުން ރަޝިއާގެ ސަބްމެރިން ތަކެއް އިނގިރޭސިވިލާތުން ޓްރެކް ކޮށްފި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅުވި ގޮތުގައި ރޯޔަލް ނޭވީ އާއި އެލައިޑް ފޯސްތަކުން ރަޝިޔާގެ ތިން ސަބްމެރިން މޮނިޓަރ ކުރިއިރު، އޭގެ ތެރޭގައި އަކުލާ ކްލާސް އެޓޭކް ސަބްމެރިން އާއި ރަޝިޔާގެ ޖާސޫސީ އޮޕަރޭޝަންތަކާ ގުޅިފައިވާ ހާއްސަ ދެ ސަބްމެރިން ހިމެނެއެވެ.
އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގައިވާ ގްރީންލޭންޑް، އައިސްލޭންޑް އަދި ޔުނައިޓެޑް ކިންގްޑަމް (ޖީ.އައި.ޔޫ.ކޭ ގެޕް) ގުޅޭ ކަނޑުގެ ސަރަހައްދުގައި ރަޝިޔާގެ ސަބްމެރިންތަކުގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރުވެފައިވާތީ، ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.
މި ސަރަހައްދަކީ ރަޝިޔާގެ އުތުރު ފްލީޓުން އެޓްލާންޓިކް ކަނޑަށް ވަނުމަށް އޮންނަ މައިގަނޑު ދޮރާއްޓެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުވެސް މި ސަރަހައްދަކީ އަސްކަރީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ. ނަމަވެސް، ފަހަކަށް އައިސް ރަޝިޔާއިން ވަނީ އެ ގައުމުގެ ކަނޑުގެ ބާރު ގަދަކުރުމަށްޓަކައި، ޒަމާނީ ސަބްމެރިންތަކެއް މި ސަރަހައްދަށް ފޮނުވަން ފަށާފައެވެ.
މިކަމުގެ ސަބަބުން ނޭޓޯ ގެ ގައުމުތަކުގެ މެދުގައި އޮންނަ މުވާސަލާތީ މަރުކަޒުތަކަށާއި، ކަނޑުގެ އަޑީގައި އަޅާފައިވާ އިންޓަނެޓް ކޭބަލްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ރަޝިޔާގެ މި ހަރަކާތްތަކަކީ ހުޅަނގުގެ ގައުމުތަކުގެ ދިފާއީ ނިޒާމުތައް ޓެސްޓު ކުރުމަށާއި، ކުއްލި ހާލަތެއްގައި އެޓްލާންޓިކް ކަނޑުގެ ސަޕްލައި ރޫޓުތައް ބަންދުކޮށްލުމުގެ ގާބިލުކަން ހުރިކަން ދެއްކުމަށް ކުރާ ކަމެއް ކަމަށް އަސްކަރީ މާހިރުން ލަފާކުރެއެވެ.
މީގެ އިތުރުން، ރަޝިޔާގެ މި އައު ސަބްމެރިންތަކަކީ ދެނެގަންނަން އުނދަގޫ، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާ އުޅަނދުތަކަކަށް ވުމުން، އުތުރު އެޓްލާންޓިކްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ނޭޓޯއިން ދަނީ އެ ސަރަހައްދުގެ މޮނިޓަރިން ވަރުގަދަ ކުރަމުންނެވެ.










